މިޒަމާނުގައި މަސައްކަތްތެރިކަމާއި ފަންނުވެރިކަންވެސް ކުރިއަރަމުން އަންނަނީ، ތައުލީމީ ފަލްސަފާގެ ތެރެއިން ކަމަށާއި މިޒަމާނުގައި އިލްމާ ނުލައި ކުރާ އެއް ކަމެއްވެސް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދ. ރިނބުދޫ ސްކޫލަށް 50 އަހަރު ފުރުމުގެ ރަން ޔޫބީލް ފާހަގަކުރުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ދުނިޔެ އަންނަނީ ހުރިހާ ދާއިރާތަކަކުންވެސް، ވަރަށް ބޮޑަށް ކުރިއަރަމުން، ކަމަށެވެ. އެހެންކަމުން މިއަދު ދަރިވަރުންނަށް ދޭންޖެހެނީ މިޒަމާނުގެ ތައުލީމް ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
"ވަޑާންކުރުންވެސް، އޮޑިދޯނިފަހަރު ބަނުންވެސް، ގެދޮރު އިމާރާތް ކުރުންވެސް، މިއިން ކޮންމެ މަސައްކަތަކީ، އިލްމީ އެތައް ތިއަރީއެއްގެ މައްޗަށް ބިނާކޮށް، ތަރައްގީކޮށްފައިވާ މަސައްކަތެއް. މިއީ، ވަކި ގްރޭޑަކުން ދަރިފުޅު ސްކޫލުން ވަކިކޮށް، މަސައްކަތަށް ފޮނުވާ ޒަމާނެއް ނޫން. އަދި މިއީ މަސައްކަތެއް ދަސްކޮށްނުދީ، ހަމައެކަނި ސްކޫލްގެ ފިލާވަޅުތައް ހިތުދަސްކުރާ ޒަމާނެއްވެސް ނޫން،" ރައީސް ވިދާޅުވިއެވެ.
މިޒަމާނުގެ ތައުލީމަކީ، މަސައްކަތުގެ ހުނަރާ އެކުގައި އުނގެނޭ ތައުލީމެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ސްކޫލް މަރުހަލާގެ އެންމެ މުހިންމު އެއްކަމަކީ، ދަރިވަރުންގެ ކިބައިގައި ހުންނަ ހުނަރާއި ފަންނުތައް ދެނެގަނެ، އެ ހުނަރާއި ފަންނުތައް އިތުރަށް ތަރައްގީ ކުރެވޭނެ ގޮތަކަށް އަމާޒުކޮށްގެން ކިޔަވައިދިނުން ކަމަށެވެ.
"އެހެންވީމާ، މައިންބަފައިންވެސް، ދަރިންނަށް ކިޔަވައިދިނުމުގައި މި ކަންކަމަށް ސަމާލުކަން ދެއްވުމަކީ ވަރަށް މުހިންމު ކަމެއް. މި ހޯލުގައި މިތިބަ ދަރިވަރުންގެ ތެރޭގައިވެސް، ތަފާތު ފަންނުތަކާއި، ތަފާތު ހުނަރުތައް ލިބިފައި ތިބި ކުދިން ތިބޭނެ. އެކަން އެންމެ ބޮޑަށް ދެނެގަނެވޭނެ ބަޔަކީ، އެކުދިންގެ ބެލެނިވެރިންނާއި މުދައްރިސުން،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ، ޒަމާނީ ތައުލީމް އުނގެނި، އީޖާދީ އުފެއްދުންތެރިކަމަށް ވިސްނުން ހިންގާ، ހުނަރުވެރި ޖީލެއް ބިނާކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ސާނަވީއާއި މަތީ ސާނަވީ ތައުލީމުން މަތީ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ވަރަށް ގިނަ ގައުމުތަކުގެ ޔުނިވާސިޓީތަކުން ކިޔެވޭނެ ފުރުސަތު ހަމަޖައްސައިދިނީ، އެ މުހިންމު މަގުސަދު ހާސިލުކުރުމުގެ ބޭނުމުގައި ކަމަށް ރައީސް ވިދާޅުވިއެވެ،
ދަރިފުޅާ. ފޮތްބޮޑިން އުނގެނޭ އުގެނުމަކުން ނުފުދޭ... ދުނިޔެ ހިނގާ ތަރުތީބުތައް ކަން ކަން ކުރުމުގެ ތެރެއިން ހޯދާ ތަޖްރިބާ އަދި ހައްލުތައް ދެނެގަނެވޭނެ ގޮތްތައް އެއީ މިއަދު މާ މުހިއްމު ވެފައިވާ ކަމެއް
މިޒަމާނުގައި އިލްމާ ނުލައި ކުރާ އެއް ކަމެއްވެސް ނެތް ކަމަށް ކަލޭ އަމިއްލަޔަށް އިއުތިރާފުވާއިރު މިގައުމުގެ ރައީސުކަން ތިކުރަނީ ކޮންރޮގަކުން ކޮންގޮތަކުން ކޮންތަނަކުން އިލްމު ލިބިގެންތޯއެވެ.