ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީ ކުރަން ފެށި އާ ސީޕްލޭން ޓާމިނަލްގެ ވަކި އަގެއްގައި ވަކި ބަޔަކު ހިންގުމަށް އެއްވެސް އިރަކު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އަށް ކުރީގެ ސަރުކާރުން އަންގާފައި ނުވާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ 2013ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ރައީސް އަބްދުﷲ ޔާމީން ވަޑައިގެންފަހުން މަސައްކަތް ކުރެއްވީ ވީރާނާވެފައިވާ ރާއްޖޭގެ އިގްތިސޯދު ހަމަ މަގަށް އެޅުވުމަށް ކަމަށެވެ. އަދި ގައުމާއި ރައްޔިތުންގެ މާލީ ފުދުންތެރިކަން އިތުރުކޮށް ގައުމުގެ އިގްތިސޯދީ ސިނާއަތްތައް ދިވެހި ރައްޔިތުންނާއި ގައުމަށް މަންފާއާ ލާބަ ލިބިނެވި ގޮތަކަށް ތަރައްގީ ކުރުމަށް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އެގޮތުން ރާއްޖޭގެ އިގްތިސޯދު ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ފެންވަރުގައި ރޭޓު ކުރެވި ހާމަކަން ބޮޑު ގޮތެއްގައި މާކެޓު ކުރެވި އިންވެސްޓަރުންގެ އިތުބާރު ރައީސް ޔާމީންގެ ސަރުކާރުގައި ލިބިގެން ދިޔަކަން ފާހަގަކޮށް ޕްރޮގްރެސިވް ކޯލިޝަނުން ބުނީ ރައީސް ޔާމީންގެ ސަރުކާރުގައި ވަޒީފާގެ ބާޒާރަށް ދިރުން ގެނެސް ތިޔާގިކަން ގެނުވި ކަމަށެވެ.

"މި ސަރުކާރުން އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލްއާ ގުޅޭގޮތުން ދައްކަމުން ގެންދާ ހަގީގަތާއި ހިލާފު ވާހަކަތާއި ގުޅޭގޮތުން ދަންނަވަމެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީ ކުރަން ފެއްޓެވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލްއާ ބެހޭގޮތުން ވަކިބަޔަކު ހިންގާ ގޮތަށް ވަކި އަގެއް ކަނޑައެޅިގެން ވަކި ގޮތަކަށް އެކަން ކުރުމަށް އެމްއޭސީއެލްއަށް އިރުޝާދު ދީފައެއް ނުވާނެ ކަމުގައި ދަންނަވަމެވެ،" ބަޔާނުގައިވެއެވެ.

ސީޕްލޭން ޓާމިނަލްއާ ގުޅޭގޮތުން ކުރީ ސަރުކާރުގެ ބޮލުގައި އިލްޒާމު އަޅުވާ ވާހަކަދައްކަމުން ގެންދަނީ މި ސަރުކާރުގެ ދެއުޅިއެއްނުވާ އިގްތިސޯދީ ސިޔާސަތަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާތީއާ ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާވެސް ވަކި ގޮތަކަށް އަނބުރާލާ ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން ކަމަށްވެސް ޕްރޮގްރެސިވް ކޯލިޝަނުން ބުންޏެވެ.

ޓާމިނަލް މައްސަލައިގައި ފިނޭންސްއިން ނިންމީ ޓީއެމްއޭއިން މިހާރު ބޭނުންކުރާ ޓާމިނަލްގެ ބޮޑުމިނާ އެއްވަރުގެ ސަރަހައްދެއް، މިހާރު ބިމު ކުލި ނަގާ ރޭޓުން އާ ސީޕްލޭން ޓާމިނަލުން ދެ އަހަރުގެ މުއްދަތަކަށް އެ ކުންފުންޏަށް ދިނުމަށެވެ. އެއީ ލައުންޖު ޖާގަ ވެސް ހިމެނޭ ގޮތަށް އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން، ޖުމްލަ 6،300 އަކަމީޓަރެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައިވަނީ މި ސަރުކާރު ވެރިކަމާއި ހަވާލުވުމުގެ ކުރިންވެސް އެމްއޭސީއެލްއިން ޓާމިނަލް ޓީއެމްއޭއަށް ދިނުމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރިޔަށް ގެންދިޔަ ކަމަށެވެ. އަދި އެ އެއްބަސްވުން އެކުލަވާލުން ހުއްޓުވީ މި ސަރުކާރުން ކަމަށްވެސް އަމީރު ފާހަގަކުރެއްވިއެވެ.