ޕްރައިވެޓް ޓީވީ ޗެނަލެއް ކަމަށް ވާ "ޗެނަލް 13"އިން ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރާ ގުޅޭގޮތުން ބްރޯޑްކާސްޓް ކުރުމުގެ އެސޫލާ ހިލާފު ވާހަކަތަކެއް ގެނެސްދިން ކަމަށް ބުނާ މައްސަލާގައި ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުއްވި މައްސަލަ ސާބިތު ނުވާ ކަމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް އިޒްމިއާ ހުށަހެޅުއްވި އެ މައްސަލާގައި ބުނެފައިވަނީ މިދިޔަ އޮކްޓޯބަރު 15 ވަނަ ދުވަހުގެރޭ "ޗެނަލް 13"އިން ގެނެސްދިން "މަޑިސީލަ" ޕްރޮގްރާމްގައި އިޒްމިއާ ފިރިހެން ނޫސްވެރިންނަށް ޖިންސީ ގޯނާ ކުރަމުންދާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ހަމަ އެ ޕްރޮގްރާމުގައި އިޒްމިއާ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ފަހުން، އޭނާ އަންގައިގެން ފިރިހެން ނޫސްވެރިން ހައްޔަރުކުރި ކަމަށާއި އަދި އިސްލާމްދީނާ ދެކޮޅަށް އިޒްމިއާ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅި މައްސަލާގައި ބުނެފައިވެއެވެ.

އެ މައްސަލަ ބެލުމަށްފަހު ބްރޯޑްކޮމްއިން ބުނީ "މަޑިސީލަ" ޕްރޮގްރާމްގައި ދެއްކި ވާހަކަތަކީ ބްރޯޑްކާސްޓް ކުރުމުގައި ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް ކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށެވެ. އަދި އެކަން އެގޮތަށް ނިންމީ މައްސަލަ ބެލި ކޮމެޓީގެ މެންބަރުންގެ އިއްތިފާގުން ކަމަށްވެސް ބުންޏެވެ.

އިޒްމިއާ އަކީ ދިވެހިރާއްޖޭގެ ފުލުހުންގެ އިދާރާގެ ތަރުޖަމާނަކަށް ވި ފުރަތަމަ އަންހެން އޮފިސަރެވެ.