މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށް ބުނާ މީހެއްގެ އޯޑިއޯތަކެއް ލީކުވަމުން ދިއުމާ ގުޅިގެން ގޮތް ނިންމަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ޖުމުހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވެފައި ވަނީ ލީކު ކޮށްލާފައިވާ އޯޑިއޯތަކުގެ މައްސަލައިގައި ޕާޓީން ގޮތެއް ނިންމައިދިނުމަށް، މިރޭ ބޭއްވި ޖުމުހޫރީ ޕާޓީގެ 140 ވަނަ ކައުންސިލު ބައްދަލުވުމުގައި މެންބަރަކު ހުށަހެޅުމުން ދެއްވި ޖަވާބުގައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލަ ހުށަހެޅުއްވީ އެ ޕާޓީގެ އިސްތަރުޖަމާން އަލީ ސޯލިހެވެ. އޭނާ ހުށަހެޅުއްވީ އަލީ ވަހީދަކީ ޖުމުހޫރީ ޕާޓީގެ ރައީސް ކަމުގައިވެސް މި ވަގުތު ހުންނެވި ފަރާތް ކަމުން، ލީކު ވެގެން އުޅޭ އޯޑިއޯ ތަކުގެ ސަބަބުން ޕާޓީއަށް ނޭދެވޭ އަސަރުކޮށް ޕާޓީ ބަދުނާމުވަމުން ދާތީ އެކަމާ މެދު ގޮތެއް ނިންމައި ދިނުމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އޯޑިއޯތަކުގައި ދައްކާފައި ހުރި ވާހަކަތައް، ރައީސް ސޯލިހުގެ ކެބިނެޓުގެ ވަޒީރުން ތަކަކަށް ނިސްބަތްވާ އިރު، އެކަމުގައި ސީދާ އޭނާގެ މަސްލަހަތު ވެސް ހިމެނޭ ހާލަތެއް އެބަ އޮތް ކަމަށް ގާސިމް ވަނީ އެ ބައްދަލުވުމުގައި ފާހަގަ ކުރެއްވާފައެވެ. ގާސިމް އެ ފާހަގަ ކުރެއްވި ނުކުތާއަކީ އޭނާގެ އަނބިކަނބަލުން، ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ކަމަށް ބުނެ، އެ އޯޑިއޯގައި ވާހަކަ ދައްކާފައިވާތީ ކަމަށް ބެލެވެއެވެ.

ލީކުވެގެން އުޅޭ އޯޑިއޯގައި އެވާހަކަތައް ދެއްކެވި ބޭފުޅަކު އެކަމެއް ކުރެއްވި ތަނަކާއި ނިސްބަތްވާ ބޭފުޅުންނަށް ބަލާ އިރު އެކަމުގައި ރައީސް ސޯލިހު ބައްލަވަން ޖެހިވަޑައިގަންނަވާ ވަރަކަށް ބައްލަވައި ގޮތެއް ނިންމެވުމުން އެކަން އެ ނިމުނީ ކަމަށާއި ކަމުގެ އަސްލަށް ބަލާ އިރު ޖޭޕީން އެފަދަ ކަންކަން ތަހުގީގު ނުކުރެވޭނެ ކަމަށްވެސް ގާސިމް އެ ސުވާލަށް ރައްދު ދެއްވާ ވިދާޅުވިކަން ވަނީ އެނގިފައެވެ. އަދި އަލީ ސޯލިހު ހުށަހެޅުއްވީ ގަރާރެއްކަމަށް ބަލައިގެންގައެއްވެސް ނުވެއެވެ.

މިކަމާ ގުޅިގެން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އާއި ނައިބު ރައީސް ވިދާޅުވީ، މިރޭ އެފަދަ ގަރާރެއް ހުށަހަޅާފައި ނުވާކަމަށެވެ.

އޯޑިއޯ މައްސަލައާ ގުޅިގެން ފުލުހުން ބުނެފައި ވަނީ މިހާތަނަށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް އެ އޯޑިއޯ ތަކުގެ ތެރޭގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭފަދަ އޯޑިއޯއެއް ފާހަގަ ކުރެވިފައިވާތީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ އޯޑިއޯ އާ ގުޅޭ ކަންކަން އިތުރަށް ސާފު ކުރަމުން ދާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކާ ގުޅިގެން އަލީ ވަހީދު ވިދާޅުވެފައި ވަނީ ދައުރު ކުރަމުންދާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަން ފުރިހަމަ ތަހުގީގެއް ކުރުމުން އެނގޭނެ ކަމަށެވެ. މިކަން ފާހަގަ ކުރައްވާ އޭނާ ވަނީ އޭނާގެ މައްޗަށް ތަހުގީގެއް ހިންގުމަށްވެސް އެދިވަޑައިގެންފައެވެ. އަލީ ވަހީދު ވިދާޅުވީ، ތަހުގީގެއް ހިންގުމުން ހަގީގަތް ސާފުވެގެން ދާނެ ކަމަށެވެ.

އަލީ ވަހީދު ކަމަށް ބުނާ މީހެއްގެ ޖުމްލަ 5 އޯޑިއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އޭގެ ތެރޭގައި ފުރަތަމަ ލީކުވީ، ހެލްތް މިނިސްޓަރު އަބްދުﷲ އަމީނަށް ފާޑުކިއުން އަމާޒުކޮށް، އަމީނަށް ނިސްބަތް ކުރައްވާ ހަޑިހުތުރުބަހުން ވާހަކަ ދައްކަވާ އޯޑިއޯއެެވެ. ދެވަނައަށް، އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އަދި އެޑިއުކޭޝަނުގެ ޕޮލިސީ ފެއިލް ކޮށްލައްވާނެ ކަމަށް ވިދާޅުވެ، އެޑިއުކޭޝަނުގެ ގަވައިދަށް ނިސްބަތްކުރައްވައި ހަޑި ހުތުރު ބަހުން ވާހަކަ ދައްކަވާ އޯޑިއޯއެއް ލީކުވިއިރު، ތިން ވަނަ އަށް ލީކުވެފައި ވަނީ، ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ބޭއަދަބީ ބަހުރުވައިން، ޖިންސީ ފުރައްސާރަ ކުރާ އޯޑިއޯއެކެވެ.

ހަތަރު ވަނައަށް ލީކުވީ، ސުޕްރީމް ކޯޓުގެ ކާރުތަކުގެ ޑިއުޓީން ކޮރަޕްޝަން ހިނގާނެ ކަމަށާއި، އެ ކަމުގައި 8 ލައްކަ ރުފިޔާގެ ކަޓެއްގެ ވާހަކަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ދައްކާ އޯޑިއޯ އެކެވެ. އަދި އެއަށްފަހު، ޕާޓީ ކުރުމާއި، ނާސިގެތަކަށް ދިއުން ފަދަ، އިސްލާމް ދީނާ ބީރައްޓެހި އަމަލުތަކަށް އަރައިގަތުމުގެ ވާހަކަތަކެއް ދައްކާ އޯޑިއޯއެއް ވެސް ވަނީ ލީކުވެފައެވެ.