މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށް ބުނާ މީހެއްގެ އޯޑިއޯތަކެއް ލީކުވަމުން ދިއުމާ ގުޅިގެން، އޭނާ ކަމަށް ބުނާ އޯޑިއޯތަކުގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭތީ އެކަން އިތުރަށް ބަލަން ފަށައިފި ކަމަށް ފުލުހުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ލީކުވެގެން އުޅޫ އޯޑިއޯތަކާ ގުޅޭގޮތުން ފުލުހުންނަށް މިހާތަނަށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް އެ އޯޑިއޯ ތަކުގެ ތެރޭގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭފަދަ އޯޑިއޯއެއް ފާހަގަ ކުރެވިފައިވާތީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ އޯޑިއޯ އާ ގުޅޭ ކަންކަން އިތުރަށް ސާފު ކުރަމުން ދާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކާ ގުޅިގެން އަލީ ވަހީދު ވިދާޅުވެފައި ވަނީ ދައުރު ކުރަމުންދާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަން ފުރިހަމަ ތަހުގީގެއް ކުރުމުން އެނގޭނެ ކަމަށެވެ. މިކަން ފާހަގަ ކުރައްވާ އޭނާ ވަނީ، އޭނާގެ މައްޗަށް ތަހުގީގެއް ހިންގުމަށްވެސް އެދިވަޑައިގެންފައެވެ. އަލީ ވަހީދު ވިދާޅުވީ، ތަހުގީގެއް ހިންގުމުން ހަގީގަތް ސާފުވެގެން ދާނެ ކަމަށެވެ.

އަލީ ވަހީދު ކަމަށް ބުނާ މީހެއްގެ ޖުމްލަ 5 އޯޑިއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އޭގެ ތެރޭގައި ފުރަތަމަ ލީކުވީ، ހެލްތް މިނިސްޓަރު އަބްދުﷲ އަމީނަށް ފާޑުކިއުން އަމާޒުކޮށް، އަމީނަށް ނިސްބަތް ކުރައްވާ ހަޑިހުތުރުބަހުން ވާހަކަ ދައްކަވާ އޯޑިއޯއެެވެ. ދެވަނައަށް، އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އަދި އެޑިއުކޭޝަނުގެ ޕޮލިސީ ފެއިލް ކޮށްލައްވާނެ ކަމަށް ވިދާޅުވެ، އެޑިއުކޭޝަނުގެ ގަވައިދަށް ނިސްބަތްކުރައްވައި ހަޑި ހުތުރު ބަހުން ވާހަކަ ދައްކަވާ އޯޑިއޯއެއް ލީކުވިއިރު، ތިން ވަނަ އަށް ލީކުވެފައި ވަނީ، ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ބޭއަދަބީ ބަހުރުވައިން، ޖިންސީ ފުރައްސާރަ ކުރާ އޯޑިއޯއެކެވެ.

ހަތަރު ވަނައަށް ލީކުވީ، ސުޕްރީމް ކޯޓުގެ ކާރުތަކުގެ ޑިއުޓީން ކޮރަޕްޝަން ހިނގާނެ ކަމަށާއި، އެ ކަމުގައި 8 ލައްކަ ރުފިޔާގެ ކަޓެއްގެ ވާހަކަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ދައްކާ އޯޑިއޯ އެކެވެ. އަދި އެއަށްފަހު، ޕާޓީ ކުރުމާއި، ނާސިގެތަކަށް ދިއުން ފަދަ، އިސްލާމް ދީނާ ބީރައްޓެހި އަމަލުތަކަށް އަރައިގަތުމުގެ ވާހަކަތަކެއް ދައްކާ އޯޑިއޯއެއް ވެސް ވަނީ ލީކުވެފައެވެ.