2016 ވަނަ އަހަރުގެ ޖެނުއަރީ މަހު މާލޭ ގޯޅިގަނޑެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ލ. ގަން ބާބުލްއަވާލީ، ހައްވާ ޒުހާ މަރާލި މައްސަލާގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސުމޮން މިއާ 15 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ދައުލަތުން ސުމޮން މިއާއަށް އުފުލާފައި ވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. މި މައްސަލާގައި ހުކުމް އިއްވުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ އިބްރާހީމް އަލީ ވިދާޅުވީ ސުމޮން މިއާއާ ޒުހާއާ ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށާއި އެ ހަމަނުޖެހުމުގައި ޒުހާގެ ކަރުގައި ސުމޮން ހިފި ކަމަށް ތަހުގީގުގައިވެސް އަދި ޝަރީއަތުގައިވެސް ސުމޮން އެއްބަސްވެފައިވާ ކަމަށެވެ. އެހެންނަމަވެސް އޭގެފަހުން އެކަމަށް ސުމޮން އިންކާރު ކޮށްފައިވާކަން ފާހަގަކޮށް ގާޒީ ވިދާޅުވީ އެކަމަށް އިންކާރު ކުރި ނަމަވެސް މީހެއްގެ ހައްގު އެކުލެވޭ ކުށަކަށް އެއްބަސްވުމަށް ފަހު އިއުތިރާފް އަނބުރާ ނުގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން ސުމޮން ވެފައިވާ އިއުތިރާފް އަނބުރާ ނުގެންދެވޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ޒުހާ ބެލި ޑޮކްޓަރާއި ހަވާލާދީ ގާޒީ ވިދާޅުވީ ޒުހާ މަރާލީ ކަރުގައި ހިފައި، ނޭވާ ހާސް ކުރުމުގެ ސަބަބުން ކަން ޑޮކްޓަރުންގެ ބަހުންނާއި ލިޔެކިއުންތަކުން ވެސް އެނގޭ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި އެއީ ގަސްދު މަރެއް ކަމަށް ބަލަންޖެހޭ ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި ވިދާޅުވީ ހުށަހެޅުނު ހެކިތަކަށް ބަލާއިރު ސުމޮން މިއާ ޒުހާ މަރާލިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

ގާޒީ އިބްރާހިމް ވިދާޅުވީ ޒުހާގެ ވާރިސުންގެ ތެރެއިން ޒުހާގެ މަންމަ މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ބުނެފައިވާތީ ގާނޫނުލް އުގޫބާތުގެ ދަށުން ސުމޮން 15 އަހަރަށް ޖަލަށްލުމާ އެކު، މަރުގެ ދިޔައިިގެ ގޮތުގައި އެއް ލައްކަ ރުފިޔާ އެއް މަސް ތެރޭގައި ދެއްކުމަށާއި ކައްފާރާގެ ގޮތުގައި ވިދިވިދިގެން ހަނދު މަހުގެ ދެ މަހުގެ ރޯދަ ހިފުމަށް ސުމޮންއަށް އަންގާ ކަމަށެވެ.