ހުޅުމާލެ ތަރައްގީ ކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވިސްނުންފުޅަށް ކަމަށް ހެރިޓޭޖް މިނިސްޓާ އަދި ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާލުވެއްޖެއެވެ.

އިދިކޮޅަށް ރައްދުދެއްވާ ޔުމްނާ ވިދާޅުވީ ހުޅުމާލެ ތަރައްގީ ކުރީ މައުމޫންގެ ވިސްނުންފުޅަށް ކަމަށާއި އެކަން ދިވެހި ރައްޔިތުންނަށް އޮޅުވާ ނުލެވޭނެ ކަމަށެވެ.

ޔުމްނާ ރައްދުދެއްވާ މިހެން ވިދާޅުވެފައި ވަނީ ހުޅުމާލެ ތަރައްގީ ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅަށް ކަމަށް އިދިކޮޅުން ހުޅުމާލޭގައި ބޭއްވި ޖަލްސާއެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް، ހުޅުމާލެއަކީ ޔާމީންގެ ސިޓީއެއްގެ ގޮތުގައި ސިފަކުރައްވާ ވާހަކަ ދެއްކެވުމުންނެވެ.

ހުުޅުމާލެ ތަރައްގީ ކުރަން ފެށީ ރައީސް މައުމޫންގެ ވެރިކަމުގައެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބޮޑު ސަރަހައްދެއް ހިއްކައި، އެ ތަން ޒުވާނުންނަށް ހާއްސަކޮށް "ޔޫތު ސިޓީ" އެއްގެ ގޮތުގައި ތަރައްގީ ޕްލޭނެއް ގެންގުޅުއްވީ ކުރީގެ ރައީސް ޔާމީނެވެ. "ފޭސް 2" ގެ ނަމުގައި ހުޅުމާލެއިން ހިއްކާފައި ވަނީ ފުރަތަމަ ފިޔަވައްސަށް ވުރެ ބޮޑު ސަރަހައްދެކެވެ. ދެ ވަނަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށްދާ އެންމެ ބޮޑު މަޝްރޫއަކީ 7000 ފްލެޓުގެ މަޝްރޫއެވެ.