ރައްޔިތުން ގާތުގައި ސަރުކާރުން ވީ އެއްވެސް ވައުދެއް ފުދިފައި ނުވާ ކަމަށާއި އެވަރުގެ ބަޔަކަށް ކުރިޔަށް ލޯކަލް ކައުންސިލް އިންތިހާބުގައި، ކައުންސިލްތަކުގެ މެޖޯރިޓީ ރައްޔިތުން ނުދޭނެ ކަމަށާއި މެޖޯރިޓީ ލިބިއްޖެ ނަމަ ހުދުމުހާތުކަން ފެނިގެން ދާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ރައީސް މިނިމަމް ވޭޖު ކަނޑަނޭޅި ވަޒީފާގެ ޕްރޮބޭޝަން ދިގުކޮށް ބައެއް ސަބްޖެކްޓުތައް ހުއްޓާލާ ތިން ބާރު މަސްހުނި ކުރަމުންދާ މަންޒަރު ރައްޔިތުންނަށް މިހާރު ފެންނަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ލޯކަލް ކައުންސިލްތައް ސަރުކާރަށް ދީފިނަމަ ހުދުމުހުތާރު ވެރިކަމަށް މިސްރާބު ޖަހާނެކަން ރައްޔިތުން ދަންނާނެ ކަމަށެވެ.

އާދަމް ޝަރީފު މިފަދައިން ވިދާޅުވެފައި މިވަނީ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޕޯސްޓަރުތައް ހަރު ކުރުމަށް ބޭއްވި ހަރަކާތުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ.

އެމްޑީޕީގެ ކެމްޕެއިން ޕޯސްޓާ ހަރު ކުރުމުގެ ހަރަކާތުގެ ތެރެއިން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ މިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން އަދިވެސް ތިބީ ސަރުކާރާއި އެކީގައި ސަރުކާރަށް އިންތިހާބުތައް ކާމިޔާބު ކޮށްދިނުމުގެ ރޫހުގައި ކަމަށެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވެނީ ރައްޔިތުން ތިބީ ހަމަ އެ މިސްރާބަށް ދަތުރުކުރަން ވިސްނައިގެން ކަމަށް. އެހެންކަމުން އަޅުގަނޑަށް ގަބޫލުކުރެވޭ އެއަށް ވުރެ [މަޖިލިސް އިންތިހާބަށް ވުރެ] ބޮޑުކޮށް މިފަހަރު [ކައުންސިލް އިންތިހާބު] އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީން ކައުންސިލް އިންތިހާބުގެ ޕޯސްޓަރުތައް ހަރު ކުރުމުގެ ހަރަކާތް ފައްޓަވައި ދެއްވީވެސް ރައީސް ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ދެ ބޭފުޅުންނެވެ. މިއީ ސިޔާސީ ޕާޓީއަކުން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތެއް ފެއްޓި ފުރަތަމަ ހަރަކާތެވެ.