އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި 2012 ވަނަ އަހަރުގެ ފަހުކޮޅު ހިންގި ގޭންގެ ރޭޕް (ނިރްބާޔާ ރޭޕް) ޖަރީމާގައި މަރުގެ ހުކުމް ތަންފީޒު ކުރަން ހުކުމް ކޮށްފައިވާ 4 މީހުންގެ ތެރެއިން ވިނޭ ޝަރުމާއަށް އިންޑިއާގެ ރައީސް މައާފު ދެއްވަން އިންކާރު ކުރެއްވި މައްސަލަ މުރާޖައާ ކުރުމަށް އޭނާގެ ފަރާތުން އިންޑިއާގެ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލަ، އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

ވިނޭ ޝަރުމާއަށް މައާފު ދެއްވުމަށް އިންޑިއާގެ ރައީސް އިންކާރު ކުރައްވާފައިވަނީ ގޯސް ނިޔަތެއްގައި، ވަކި ބަޔަކަށް ދެރައެއް ދިނުމުގެ މަގުސަދުގައި ކަމަށް ބުނެ އެކަން މުރާޖައާ ކޮށްދިނުމަށް އެދި އިންޑިއާގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލާފައިވަނީ، ޝަރުއީ އިމުގެ ތެރެއިން އެކަން މުރާޖައާ ކުރާނެ އެއްވެސް ހައިސިއްޔަތެއް ނެތްކަމަށް ބުނެ، ފަނޑިޔާރު އާރް ބަނޫމަތީ، ފަނޑިޔާރު އަޝޯކް ބުޝާން އަދި ފަނޑިޔާރު އޭ އެސް ބޯޕައްނާގެ މައްޗަށް އެކުލެވޭ ބެންޗުންނެވެ.

މައްސަލަ ބަލަމުންދާ ބެންޗުން ބުނީ ރައީސްގެ ފަރާތްޕުޅުން މައާފު ހޯދުމަށް ވިނޭ ޝަރުމާގެ ފަރާތުން އެދުމާއެކު، ކަމާ ގުޅުން ހުރި ހުރިހާ ލިޔެކިއުންތަކަކާ، ހެއްކެއް ރައީސްއަށް އަރުވާފައިވާނެ ކަމަށާ، ރައީސްގެ ނިންމެވުމަކީ އެ ހުރިހާ ކަމަކަށް ރިއާޔަތް ކުރެއްވުމަށްފަހު ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމުން ސަލާމަތް ވުމަށް ވިނޭ ޝަރުމާ ބުނަމުންދަނީ އޭނާއަކީ ނަފްސާނީ ގޮތުން ބަލި މީހެއް ކަމަށެވެ. އޭނާއަށް ނަފްސާނީ ގޮތުން އަނިޔާ ލިބިފައިވަނީ ޖަލުގައި އޭނާއަށް ލިބެމުންދާ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން ކަމަށްވެސް ވިނޭ ޝަރުމާ ވަކާލާތު ކުރެއެވެ. ނަމަވެސް މިހާތަނަށް ހަދާފައިވާ މެޑިކަލް ރިޕޯޓްތަކުން އެފަދަ އެއްވެސް މައްސަލައެއް ފެނިފައި ނުވާކަމަށް ޚަބަރު ލިބެއެވެ. މައާފު ހޯދުމަށް ވިނޭ ޝަރުމާގެ ފަރާތުން އެދުމުން، އިންޑިއާގެ ރައީސްއަށް ހުށަހެޅުނު މައުލޫމާތުގެ ތެރޭގައި ވިނޭ ޝަރުމާގެ މެޑިކަލް ރިޕޯޓްތައްވެސް ހިމަނާފައިވާނެ ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ބުނެއެވެ.

ނިރްބާޔާ ރޭޕް މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ 4 މީހުން/ފޮޓޯ: އިކޮނޮމިކް ޓައިމްސް އިންޑިއާ

މުޅި ދުނިޔެ ސިއްސުވާލި ނިރްބާޔާ ރޭޕް ޖަރީމާގައި މަރުގެ ހުކުމް އިއްވާފައިވަނީ މުކޭޝް ކުމާރު ސިންހް (32)، ޕަވާން ގުޕްތާ (25)، ވިނޭ ކުމާރު ޝަރުމާ (26) އަދި އަކްޝޭ ޓާކޫރު (31)ގެ މައްޗަށެވެ. "ވަކި އެއްޗެއް އަންގަންދެން" މަރުގެ ހުކުމް ތަންފީޒު ކުރުން އަދި މިވަގުތަށް މަޑުޖައްސާލާފައިވާއިރު، މި 4 މީހުންވެސް ތިބީ ތިހާރު ޖަލުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ދުއްވަމުންދިޔަ ބަހެއްގެ ތެރޭގައި ޒުވާން އަންހެން ކުއްޖަކަށް އަނިޔާކޮށް، ރޭޕްކޮށް އެ އަނިޔާތަކުގައި އެ ކުއްޖާ މަރުވެދިޔަ މައްސަލާގައި ޖުމުލަ 6 މީހެއްގެ މައްޗަށް ދައުވާކުރިއެވެ. އޭގެ ތެރެއިން އެކަކީ ކުށް ކުރިއިރު 18 އަހަރު ނުވާ ކުއްޖެއް ކަމަށް ބުނެ އޭނާއަށް އިއްވާފައިވަނީ ލުއި ހުކުމެކެވެ. އޭނާއަށް އިއްވި ހުކުމް ފުރިހަމަ ކޮށް ޖަލު ބަންދުން މިނިވަންވީ އޭނާގެ އުމުރުން 20 އަހަރުގައެވެ. ދެން ހުރި މީހާ ވަނީ ޖަލުގައި އަމިއްލައަށް މަރުވެފައެވެ.