އާ ސީޕްލޭން ޓާމިނަލްގެ މައްސަަލައިގައި ތަހުގީގު ކުރުމަށް ހުރިހާ މުއައްސަސާތަކަކަށް މަރުހަބާ ކިޔާކަމަށް މޯލްޑިވް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލުން މިހެން ބުނެފައި ވަނީ އަލަށް ހަދާ ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި ޒިންމާވާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފައި ވަނިކޮށެވެ.

މިކަމާ ގުޅިގެން އެމްއޭސީއެލުން ބުނީ، އާ ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި މިހާތަނަށް އައި އިރު ހުރިހާ މުއައްސަސާއަކަށް ވެސް ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށެވެ. އެގޮތުން އާ ސީޕްލޭން ޓާމިނަލްއާ ގުޅުން ހުރި މައްސަލަތައް ތަހުގީގު ކުރުމަށް އެ ފަރާތުން ފުރިހަމަ އެއްބާރު ލުން އަދިވެސް ދޭނެ ކަމަށް ބުނެއެވެ.

މީގެ އިތުރުން އެމްއޭސީއެލުން ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ހުޅުވުމުގެ ކަންތައްތަކުގެ ނިންމުމަކަށް ވަރަށް އަވަހަށް އެފަރާތުން ދާން ބޭނުންވާ ކަމަށެވެ. އެއީ އެއާއލައިންގެ ހަރަދުތައް ކުޑަކުރުމަށް ކަމަށް އެފަރާތުން ބުނެއެވެ. އަދި އެމްއޭސީއެލުން އބަދުވެސް މަސައްކަތް ކުރާނީ ގައުމަށް ފައިދާ ހުރި ގޮތަކަށް ކަންކަން ކުރުމަށްކަމަށް ވެސް އެމްއޭސީއެލުން ބުނެއެވެ.

މި ކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެމްއޭސީއެލް އާއި ޓީއެމްއޭގެ މުއާމަލާތްތައް ހިނގާފައިވަނީ ރައީސް އބަދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށެވެ. އެހެންކަމުން މިކަމަށް ގޮތެެއް ނުހޯދިއްޖެނަމަ ރަންވޭ ހުޅުވުން ލަސްވުމުގެ އިތުރުން ޓީއެމްއޭއަށް ބަދަލު ދޭން ޖެހުން ގާތް ކަމަށެވެ. ސަރުކާރާއި ޓީއެމްއޭއަށްވެސް ފައިދާ ހުރި އެއްބަސްވުމަކަށް އައުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ގޯށް ހެދި މީހުން ހޯދާ އަވަހަށް ތަހުގީގު ފަށަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އާ ސީޕްލޭން ޓާމިނަލް ހިންގުން ހަވާލުކުރުމަށް ނިންމާފައި ވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް، ވަކި ފަރާތްތަކަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމަށް ކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން އޭސީސީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ، އެ މައްސަލައިގައި ވަކި ސީ ޕްލޭން އޮޕަރޭޓަރަކަށް ނުވަތަ ސީޕްލޭން އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައި ދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

މި މައްސަލާގައި އެމްއޭސީއެލުން ކުރިން ހުށަހެޅި އެގްރީމަންޓާ އެއްގޮތަށް އަމަލުކޮށް، އެ ކުންފުންޏަށް ހައްގު މިންވަރު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޓީއެމްއޭއިން ވަނީ އެދިފައެވެ. 2017 ވަނަ އަހަރު އެމްއޭސީއެލްއިން އެކުންފުންޏަށް ހުށަހެޅި އެއްބަސްވުމާއި ދެމުން އައި ޔަގީންކަމާ ހިލާފަށް މިހާރު ވަނީ ޓާމިނަލުން ޖާގަ ދީފައެވެ. އެގޮތުން އެމްއޭސީއެލުން އޭރު އެއްބަސްވުން ފޮނުވި އިރު އޭގައިވަނީ އާ ޓާމިނަލުން އަކަމީޓަރަކަށް 15 ރުފިޔާގެ ރޭޓުން ޖުމްލަ 19،000 އަކަމީޓަރު 15 އަހަރުގެ މުއްދަތަކަށް ދިނުމަށް ކަމަށް ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ ވިދާޅުވެފައި ވެއެވެ.

އެމްއޭސީއެލުން 2017 ވަނަ އަހަރު ހުށަހެޅި އެއްބަސްވުމުގައި ދެ ކުންފުނިން ކުރެ ކުންފުންޏަކުން ސޮއިކޮށްފައި ނުވެއެވެ. ނަމަވެސް ޓީއެމްއޭއިން ބަރޯސާވެގެން ތިބީ އެމްއޭސީއެލުން އެކުންފުންޏަށް އެކި ލިޔެކިޔުންތަކުން ދެމުން އައި ޔަގީންކަމެއްގެ މައްޗަށް ކަމަށާއި، އެކަމާ ގުޅުންހުރި ލިޔެކިޔުންތައް އެބަހުރި ކަމަށް ފައުޒީ ވިދާޅުވެފައި ވެއެވެ.