އިންޑިއާގައި ދާދި ފަހުން ރޭޕްގެ ޝިކާރައަކަށްވި 15 އަހަރުގެ އަންހެންކުއްޖާގެ ބައްޕަގެ ގަޔަށް ބަޑި ޖަހާ މަރާލީ، އެ ކުއްޖާ ރޭޕްކުރުމުގެ ޖަރީމާ ހިންގި ރޭޕިސްޓް ކަމަށް ޚަބަރު ލިބިއްޖެއެވެ.

15 އަހަރުގެ އަންހެން ކުއްޖާގެ ބައްޕަގެ ގަޔަށް ބަޑިޖެހުމުގެ ހާދިސާ ހިނގީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި އޭގެ ފަހުން ބަޑިޖެހި މީހާ ކަމަށް އާއިލާއިން ބުނާ ރޭޕިސްޓް ހޯދާ ފެނިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.

15 އަހަރުގެ އަންހެން ކުއްޖާގެ އާއިލާއިން ބުނީ، ރޭޕްގެ މައްސަލާގައި އެ ފިރިހެން މީހާއާއި ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންދިއުމަށް އާއިލާއަށް އިންޒާރު ދީފައިވާކަމަށެވެ. ރޭޕްގެ މައްސަލަ ކޯޓަށް ވައްދާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.

ރޭޕްގެ ޝިކާރައަކަށްވާ އަންހެން ކުދިންނާ އެކުދިންގެ އާއިލާތަކަށް އެކަށީގެންވާ ފެންވަރެއްގައި ހިމާޔަތާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ ފުލުހުން ފެއިލްވެފައިވާކަމުގެ ޝަކުވާއަކީ އެގައުމުގައި އާންމު ޝަކުވާއެކެވެ.

15 އަހަރުގެ އަންހެން ކުއްޖާގެ ބޮޑުބޭބެއެއް ބުނި ގޮތުގައި ރޭޕްގެ މައްސަލަ އަނބުރާ ނުގެންގޮސްފިނަމަ ދިރި ނުހުރެވޭނެ ކަމަށް ބުނެ، އޭނާ ބޭބެ (ކުއްޖާގެ ބައްޕަ) އަށް ރޭޕިސްޓް އެންމެ ފަހުން އިންޒާރު ދިނީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށެވެ. އެ މައްސަލަވެސް ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށާ، ނަމަވެސް އެކަމަށްވެސް ފުލުހުން އެއްވެސް ވަރެއްގެ ސަމާލުކަމެއް ދީފައި ނުވާކަމަށް އެ ބޮޑުބޭބެ ވަނީ ކިޔައިދީފައެވެ.

މީގެ އިތުރުން، ރޭޕްގެ މައްސަލައަށް އެތައް ދުވަހެއް ވީއިރުވެސް ފުލުހުންގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވާކަމަށް 15 އަހަރުގެ ކުއްޖާގެ އާއިލާގެ ފަރާތުން ވަނީ ބުނެފައެވެ.

އިންޑިއާ ފުލުހުންގެ ސުޕްރިންޓެންޑެންޓް ސަޗިންދްރާ ޕަޓޭލް ވިދާޅުވީ، މިމައްސަލާގައި އިހުމާލިވި ކަމުގެ ކުށުގައި ފުލުހުންގެ 3 އޮފިސަރަކު ސަސްޕެންޑްކޮށްފައިވާކަމަށެވެ. އަދި ތުހުމަތު ރައްދުވާ ފަރާތް ހޯދުމަށް އިތުރު އޮފިސަރުން ފޮނުވާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއީ ފާއިތުވީ ފާއިތުވީ ދެތިން މަހެއްހާ ދުވަހަށް ބަލާއިރު އުއްތަރަ ޕްރަދޭޝްގައި ރޭޕްގެ ޝިކާރައަކަށްވި ކުދިންނާ އެކުދިންގެ އާއިލާތަކަށް މިފަދަ ނުރައްކާތެރި ހަމަލާތަކެއް އަމާޒުވެގެން ރިޕޯޓްކުރި 3 ވަނަ ފަހަރެވެ.