ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްސަލަ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ މިހާރު އެ މައްސަލައިގަ ދައުލަތުގެ އިދަރާތަކުން ހޯދަން ޖެހޭ ލިޔުންތައް ހޯދާ ނިމިފައިވާ ކަމަށެވެ. މިހާރު ކުރެވެމުންދަނީ އެ ލިޔުންތައް ދިރާސާ ކުރުމުގެ މަސައްކަތް ކަމަށްވެސް ފުލުހުން ބުންޏެވެ.

ނޫމަޑިގެ މައްސަލައިގައި ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ނޫމަޑީގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ޑރ. މުއިއްޒު ހުށަހަޅައި، ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގައި އޭނާ ބަޔާން ދެއްވާފައިވާ ކަމަށެވެ. އަދި ވަޒީރުކަމުގައި އޭނާ ވަނީ އެ މައްސަލާގައި ދައުލަތް ދިފާއު ކުރައްވާފައި ކަމަށެވެ.

އެގޮތުން ނޫމަޑީގެ މައްސަލަ 11 ޑިސެންބަރު 2017ގައި އާބިޓްރޭޝަނަށް ހުށަހެޅުމުން ދައުލަތުން އެ މައްސަލާގައި ކުރިއަށް ދާނެ ގޮތާއި ނެގޭނެ ދިފާއުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ނިންމުންތައް ނިންމާފައި ވަނީ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން މުއިއްޒުގެ ބައިވެރިވުމާއެކުގައި ކަމަށް ބަޔާނުގައިވެއެވެ.

ވަޒީރުކަމުން ވަކިވެވަޑައިގަންނަވަންދެން، އެ މައްސަލަ ރައްދުވާ މިނިސްޓްރީގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މުއިއްޒުގެ ދައުރެއް އާބިޓްރޭޝަން މައްސަލަތަކުގައި އޮތް ކަމަށެވެ. ނަމަވެސް 17 ނޮވެންބަރު 2018 ގައި މިނިސްޓަރުގެ މަގާމުން ވަކިވުމަށްފަހު 14 ޖޫން 2019 ގައި ނޫމަޑިގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހަޅާ ހެއްކެއްގެ ގޮތުގައި މުއިއްޒު ދެއްވި ބަޔާނުގައި ކުރިން އަމަލުކުރެއްވި ގޮތާ ދިމާ އިދިކޮޅަށް، ދައުލަތާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާ ކަމަށްވެސް އެބަޔާނުގައި ވެއެވެ.

"އެގޮތުން ނޫމަޑި ފޭސް 1 އެއްބަސްވުން ބާތިލުކޮށްފައިވަނީ އޭރުގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވާތީ ކަމަށް ވިދާޅުވެ، އާބިޓްރޭޝަނަށް ބަޔާން ދެއްވުމަށް ފަހު، އަލުން ބަޔާން ބަދަލު ކުރައްވާފައި ވާކަން ފާހަގަކުރެވޭ ކަމަށައި ނޫމަޑީގެ އެއްބަސްވުންތަކާ ގުޅޭ ނިންމުންތައް ސަރުކާރުގެ ފަރާތުން ނިންމުމުގައި އެންމެ އިސް ދައުރެއް އަދާކުރެެއްވި، އެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔަ ވުޒާރާގެ އޭރުގެ ވަޒީރު ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް ބަޔާން ދެއްވުން ވެގެން ދިޔައީ، އާބިޓްރޭޝަނުގައި ހިނގަމުން ދިޔަ މައްސަލަތައް ދިފާއު ކުރުމަށް ދައުލަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވި، އޭޖީ އިން ނެރުނު ބަޔާނުގައި ވެއެވެ.

ނޫމަޑިގެ މައްސަލައިގައި މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ވަނީ ސުވާލު ކޮށްފައެވެ. ނަމަވެސް ކޮމިޓީގައި މެންބަރުން ކުރެއްވި ގިނަ ސުވާލުތަކަށް މުއިއްޒު ސިދާ ޖަވާބެއް ނުދެއްވާ ކަންވެސް ފާހަގަ ކުރެވެއެވެ. ފަހުން ކޮމިޓީއިން ވަނީ މުއިއްޒު ކޮމިޓީގައި ދޮގު މައުލޫމާތު ދީފައި ވާ ކަމަށް ތުހުމަތުވާތީ އެކަން ފުލުހަށް ހުށަހަޅަން ވެސް ވަނީ ނިންމާފައެވެ.