ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން އަދިވެސް ބޮޑުކަމުން ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޝްވަރާ ކޮށްފިއެވެ.

ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން މިހާތަނަށް އަޅާވާފައިވާ ފިޔަވަޅުތަކާއި އަދި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މިއަދުގެ ޖަލްސާގައި ކަމާބެހޭ ވަޒީރުން ވަނީ ވާހަކަދައްކަވާފައެވެ. އަދި ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން އަދިވެސް ބޮޑުކަމާއި މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އިތުރުވަމުން ދިޔުމާއެކު، މިކަމަށް ދޭންޖެހޭ ސަމާލުކަމާއި އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަން މެންބަރުން ފާޅުކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ އިތުރުން މި ސަރަހައްދުގެ އެހެން ގައުމުތަކުގައި ކޮރޯނާ ވައިރަސް މިހާރު ވެސް ފެތުރެމުން ދިޔުމާއެކު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ، ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭރުން ވައިގެ މަގުން އަންނަ ފަތުރުވެރިންނާއި ކަނޑުމަގުން އަންނަ އުޅަނދު ފަހަރު ޗެކްކުރުމުގެ މަސައްކަތަށް ހާއްސަ ސަމާލުކަމެއް ދީގެން ކުރައްވަމުން ގެންދަވާކަން ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް / ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މެދުގައި، މިބަލީގެ ނުރައްކާތެރިކަމާއި، ބަލީގެ ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖެއަށް އަމާޒު ކުރައްވައިގެން ކަމާބެހޭ ދާއިރާތަކުން ހިންގަވާ ޕްރޮގުރާމުތަކުގެ މައުލޫމާތު ރައީސް ސޯލިހް އޮޅުންފިލުއްވައި އިތުރަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ ލަފާ ހޯއްދެވިއެވެ.