އެންމެ މީހަކު މަގާމުން އިސްތިއުފާ ދީގެން ޖިންސީ ގޯނާގެ މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓްގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ނާދިރާ މެހެން ވިދާޅުވެ ޓްވީޓެއް ކުރައްވާފައި ވަނީ މިނިސްޓާ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް ޝިދާތާ ޝަރީފު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ނާދިރާ ވިދާޅުވީ މިނިސްޓާ ޝިދާތާ އިސްތިއުފާ ދެއްވުމަކުން އަދި މިގައުމުގައި ހިނގަމުންދާ ޖިންސީ އަނިޔާގެ މައްސަލަތަކާއި ޖިންސީ އިހުމާލުގެ މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށެވެ. އަދި އެ ވިސްނުންވެސް ބަދަލު ނުވާނެ ކަމަށެވެ.

ޖިންސީ ގޯނާގެ މައްސަލަތަކަކީ މުޅި މުޖުތަމައުގައި ފެތުރެމުންދާ ވަބާއެއް ކަމަށާއި މިކަމުގައި ޒިންމާ ނަގަންޖެހޭ އެތަށް ބައެއްވާކަމަށްވެސް ނާދިރާ ވިދާޅުވެފައިވެއެވެ. އަދި މިއީ އެންމެ މީހަކު އިސްތިއުފާ ދީގެން ކުރެވޭނެ ކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ޝިދާތާ ޝަރީފު އިސްތިއުފާ ދެއްވާފައިވަނީ މިއަދެވެ. މިނިސްޓަރު ޝިދާތާ މަގާމުން އިސްތިއުފާ ދެއްވާފައި ވާއިރު ޝިދާތާ މަގާމުގައި ބަހައްޓަން ނުފެންނަ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން އިއްޔެ ވަނީ ނިންމާފައެވެ. އެމްޑީޕީން ވަނީ އިއްޔެ އެ ޕާޓީގެ ޕީޖީ ބައްދަލުވުމުގައި ބައިވެރިވި 45 މެންބަރުންގެ އިއްތިފާގުން ޝިދާތާ މަގާމުން ވަކިކުރަން ފާސްކޮށްފައެވެ.

އެމްޑީޕީގެ ޕީޖީން ޝިދާތާ މަގާމުން ވަކިކުރަން ފާސްކޮށްފައި މިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ އަހުމަދު ހިޝާންއަށް އެ ތުހުމަތުތައް ކުރެވޭއިރު އެމްބެސަޑަރުކަން ދިން މައްސަލާގައި އިހުމާލުވާ ފަރާތްތައް ހޯދާ ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ.

އިއްޔެގެ މަޖިލީހުގެ ތަޅުން ހޫނުވެ، ގިނަ މެންބަރުން ޝިދާތާގެ އިސްތިއުފާއަށް ގޮވާލެއްވި އިރު ބައެއް މެންބަރުން ވަނީ ޝިދާތާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަންވެސް ގޮވާލައްވާފައެވެ.

ޖިންސީ ގޯނާކުރުމުގެ އެތައް މައްސަލައެއް މިފަހަކަށް އައިސް ފެންމަތި ވެފައިވާއިރު މިއިން އެއްވެސް ކަމަކަށް އެދެެވޭ ފިޔަވަޅެއް ޖެންޑާ މިނިސްޓްރީން އަޅާފައިނުވާ ކަމަށް ބުނެ އާންމުންވެސް ވަނީ ނުރުހުން ފާޅުކޮށް ޝިދާތާގެ އިސްތިއުފާއަށް ގޮވާލާފައެވެ.