ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މެދުނުކެނޑި ޝަރީއަތް ކުރިޔަށް ގެންދިއުމުގެ މަފްހޫމުގެ ދަށުން މައްސަލަތައް ކުރިޔަށް ގެންގޮސް އަވަސް ކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުގައި ތިއްބަވަނީ 9 ގާޒީންނެވެ. އެ ކޯޓުން ބުނީ މިވަގުތު ތިއްބެވި ގާޒީންގެ ތެރެއިން ސަލާމުގައި ނުވަތަ ޗުއްޓީގައި ތިއްބެވި ގާޒީންގެ ނޫން އެހެން ހުރިހާ ގާޒީން ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 8 މައްސަލަ ޝެޑިއުލް ކުރާނެއެވެ. ދައުވާ ކޮށްގެން ބަލާ މައްސަލަތަކުގެ އިތުރަށް ކޯޓު އަމުރު ނެރެ ދިނުމާއި ބަންދާއި މެދު ގޮތެއް ނިންމުމަކީ ވެސް ގާޒީން ކުރަމުން އަންނަ ކަމެކެވެ.
ކްރިމިނަލް ކޯޓުން ބުނީ މައްސަލަތައް ތާވަލު ކުރުމުގެ ކުރިން ދައުވާ ލިބޭ ފަރާތާއި ދައުވާ ކުރާ ފަރާތާއި މަޝްވަރާ ކުރާނެ ކަމަށެވެ. އަަދި އެކަމުގެ ސަބަބުން ޝަރީއަތުގެ އަޑުއެހުންތައް ބޭއްވޭނެ ދުވަސްތަކާއި އަޑުއެހުންތައް ކުރިޔަށް ގެންދަން ގަސްތުކުރާ ކަންކަން ދެ ހަސްމުންނަށް އެނގި ކަށަވަރު ވެގެންދާނެ ކަމަށް ވެސް އެކޯޓުން ބުންޏެވެ.
މެދުނުކެނޑި މައްސަލަތައް ކުރިޔަށް ގެންދިއުމަކީ މިހާރުވެސް ކްރިމިނަލް ކޯޓުން އަމަލު ކުރަމުން އަންނަ އުސޫލެއްކަން ފާހަގަކޮށް އެ ކޯޓުން ބުނީ މައްސަލަތައް އަދިވެސް އިތުރަށް އަވަސްކޮށް ނިންމުމަކީ ދައުވާ ލިބޭ ފަރާތާއި ދައުވާ ކުރާ ފަރާތާއި އަދި މުޅި މުޖުތަމައުއަށް އެކަމުގެ ފައިދާ ލިބޭ ކަމެއްކަމުގައި ގަބޫލުކުރެވޭ ކަމަށެވެ. މި އުސޫލުގެ ދަށުން އެކޯޓުން ވަނީ އިއުތިރާފުގެ މައްސަލަތައް ލަސްވެގެން ފަސް ދުވަހުގެ ތެރޭގައި ހުކުމް ކުރުމަށް ނިންމާފައެވެ.
މީގެއިތުރުން އިންކާރު ކުރާ މައްސަލަތަކުގައި ދެފަރާތުން ހުށަހަޅާ ހެކިންގެ ހެކިބަސް އެއް ދުވަހެއްގެ ތެރޭގައި ނަގާ ނިންމުމަށްވެސް އެކޯޓުގެ ގާޒީންގެ މަޖިލީހުން ވަނީ ނިންމާފައެވެ. އެގޮތުން ހެނދުނު ނަގަން ފަށާ ހެކިބަސް މެންދުރާއި ހަމައަށް ދާއިރުވެސް ނުނިމިއްޖެ ނަމަ ކުޑަވަގުތު ކޮޅަކަށް މެދުކަނޑާލުމަށްފަހު އަނެއްކާވެސް ހެކިބަސް ނެގުން ކުރިޔަށް ގެންދިއުމަށް އެކޯޓުން ވަނީ ނިންމާފައެވެ. އަދި ރަސްމީ ގަޑި ނިމުނުއިރުވެސް ހެކިބަސް ނަގާ ނުނިމިއްޖެ ނަމަ އަނެއް ދުވަހުގެ ހެނދުނު ހެކިބަސް ނެގުމަށް އެކޯޓުން ވަނީ ނިންމާފައެވެ. އަދި ދެފަރާތުގެ އެއްވެސް އިއުތިރާޒެއް ނެތް ނަމަ ހުލާސާ ބަޔާންވެސް ހަމަ އެދުވަހު ހުށަހެޅިގެންދާނެއެވެ. އެކޯޓުން ބުނީ އަޑުއެހުން ނިމުނުތާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރެވިގެން ދާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުން މިފަދައިން ނިންމާފައިވާއިރު ކޯޓުތަކުގައި ހުރި މައްސަލަތައް އަވަސް ކުރުމުގެ މަސައްކަތް ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އަންނަނީ ކުރަމުންނެވެ. އެގޮތުން ޖޭއެސްސީން އެކުލަވާލި ކްރިމިނަލް ކޯޓުގެ ރިޕޯޓުގައި 1910 މައްސަލައެއް އެކޯޓުގައި ނުނިމި އެބައޮތެވެ.