މިނިސްޓާ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް ޝިދާތާ ޝަރީފު އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ. އިތުބާރު ހުރި މަސްދަރަކުން އެކަން ވަނީ ކަށަވަރުވެފައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދިން ފަރާތުން ބުނީ ޝިދާތާ އިސްތިއުފާ ދެއްވާކަން ރޭ ވިދާޅުވެފައި ވާކަމަށެވެ. އަދި ރޭގެ ވަގުތެއްގައި މަގާމުން ވަކިވެވަޑައިގަތުމަށް ރައީސް ސޯލިހަށް އިސްތިއުފާގެ ސިޓީވެސް ފޮނުއްވާފައިވާ އެވެ.

މިނިސްޓަރު ޝިދާތާ މަގާމުން އިސްތިއުފާދެއްވަން ނިންމާފައިވަނީ، ޝިދާތާ މަގާމުގައި ބަހައްޓަން ނުފެންނަ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން އިއްޔެ ނިންމާފައި ވަނިކޮށެވެ. އެމްޑީޕީން ވަނީ އިއްޔެ އެ ޕާޓީގެ ޕީޖީ ބައްދަލުވުމުގައި ބައިވެރިވި 45 މެންބަރުންގެ އިއްތިފާގުން ޝިދާތާ މަގާމުން ވަކިކުރަން ފާސްކޮށްފައެވެ.

އެމްޑީޕީގެ ޕީޖީން ޝިދާތާ މަގާމުން ވަކިކުރަން ފާސްކޮށްފައި މިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ އަހުމަދު ހިޝާންއަށް އެ ތުހުމަތުތައް ކުރެވޭއިރު އެމްބެސަޑަރުކަން ދިން މައްސަލާގައި އިހުމާލުވާ ފަރާތްތައް ހޯދާ ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ.

މައްސަލަ ހުށަހަޅުއްވަމުން މެންބަރު މީކާއީލް ވިދާޅުވެފައިވަނީ ދުނިޔޭގެ ލަދަށްވެސް ޝިދާތާ އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

މީކާއީލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި، ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ހިޝާނަށް ކުރެވޭ ކަން އެނގި ތިބެ، އޭނާ އަށް އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަން ދިން މައްސަލައާއި، 19 އަހަރުގެ މީހެއްގެ ބެލެނިވެރިކަން ފެމިލީ ކޯޓުން ނަގައި ނުދިނުމުން ވެސް ހިޝާން އެ ޒުވާނާ ގޮވައިގެން އުޅުނު އިރު، އޭނާގެ ހިމާޔަތުގައި މިނިސްޓްރީން އެއްވެސް ކަމެއް ނުކޮށް އޮތުން ފާހަގަ ކޮށްފައި ވެއެވެ.

އިއްޔެގެ މަޖިލީހުގެ ތަޅުން ހޫނުވެ، ގިނަ މެންބަރުން ޝިދާތާގެ އިސްތިއުފާއަށް ގޮވާލެއްވި އިރު ބައެއް މެންބަރުން ވަނީ ޝިދާތާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަންވެސް ގޮވާލައްވާފައެވެ. އެގޮތުން އެމްޑީޕީގެ ޗެއާޕާސަން ހަސަލް ލަތީފު ވިދާޅުވީ މި ޒާތުގެ ކަންކަން ހިނގަމުން ދާއިރު މަޑުން ނުތިއްބެވޭނެ ކަމަށާ މިނިސްޓަރު އިސްތިއުފާ ދެއްވުމަށެވެ.

ޖިންސީ ގޯނާކުރުމުގެ އެތައް މައްސަލައެއް މިފަހަކަށް އައިސް ފެންމަތި ވެފައިވާއިރު މިއިން އެއްވެސް ކަމަކަށް އެދެެވޭ ފިޔަވަޅެއް ޖެންޑާ މިނިސްޓްރީން އަޅާފައިނުވާ ކަމަށް ބުނެ އާންމުންވެސް ވަނީ ނުރުހުން ފާޅުކޮށް ޝިދާތާގެ އިސްތިއުފާއަށް ގޮވާލާފައެވެ.