މި ސަރުކާރުގެ ސްޕީޑް އަވަސްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް "އޮޅުން ބޮޅުން" އަރާވަޑައިގަންނަވާ ކަންތައްތައް ސާފުވެވަޑައިގަތީމައި ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން މަޝްރޫއުތަކާއި ކުރާ މަސައްކަތްތަކާއި އަދި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ލަސްތަކެއް އުޅޭ ކަމަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އެގޮތުން އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަކުރާ ޒާތުގެ ވާހަކަތަކެއް ހުރުމުން އެ ކަމަށް ފިޔަވަޅު އެޅުމުގައި ސަރުކާރު "ސްލޯ" ވެފައިވާކަމަށް އެތައް ބަޔަކު ވަނީ ފާޑުކިޔާފައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ، މި ސަރުކާރުން ކަންކަން ނިންމުމުގައި ސްޕީޑް ދަށްކޮށް އުޅޭ ކަމުގައިވީ ނަމަވެސް، މިހާރު ރައީސް ހުރިހާ ކަމެއްވެސް ވަރަށް ހަލުވި ސްޕީޑެއްގައި ގެންދަވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ރައީސްއަށް ބައެއް ކަންތައްތަކުގައި "އޮޅުން ބޮޅުން" އަރާ ވަޑައިގަންނަވާތީ ފިޔަވަޅުތަކެއް އެޅުއްވުމުގައި ލަސްކަމެއް އުޅެނީ ކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ. އަދި "އޮޅުން ބޮޅުން" އަރާވަޑައިގަންނަވާ ކަންތައްތައް ސާފުވެވަޑައިގަތީމައި ސަރުކާރުގެ ސްޕީޑް އަވަސް މިނެއްގައި ކުރިއަށް ދާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. ހަމައެއާއެކު، ރައީސް ސޯލިހް މަސައްކަތްޕުޅު ކުރައްވާނީ ރިޝްވަތާއި ކޮރަޕްޝަނާއި މިފަދަ ކަންކަން މަދުކޮށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށް ޖާބިރު ވިދާޅުވިއެވެ.

"ދެން ވަރަށް އުފާވި ވަރަށް ދުވަސްތަކަަކަށްފަހު ރައީސްއާ ބައްދަލު ކުރެވުނީމަ. ދެން ރައީސްއަށް އަޅުގަނޑު ވަރަށް ޝުކުރުވެރިވަން. ދެން ވަރަށް ގިނަ ކަންތައްތަކާ މަޝްވާރާ ކުރެވުނު."
އަބްދުﷲ ޖާބިރު

މީގެއިތުރުން ޖާބިރު ވިދާޅުވީ، ރައީސް ސޯލިހާ މިއަދު ބައްދަލުކުރައްވައި ވަރަށް ގިނަ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށާއި އެކަމާ ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ މިވަގުތުގެ އާންމު ހާލަތާއި، ސިޔާސީ މަސްރަހާއި، ވިޔަފާރިއާ ގުޅޭގޮތުން ރަޢިސް ސޯލިހާ އެކު ވާހަކަ ދެކެވުނު ކަމަށް ޖާބިރު ވިދާޅުވިއެވެ.

ރައީސްއާއެކު ބައްދަލުކުރައްވާ ދެއްކެވުނު ވާހަކަތަކީ ކާމިޔާބު ވާހަކަތަކެއް ކަމަށް ޖާބިރު ސިފަކުރެއްވިއެވެ. އަދި މި ދައުރުގެ ބާކީ ދުވަސްތައް ކުރިއަށް ދާނީ އޮމާންކޮށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރައީސްއާއެކީ ޖާބީރު ހުންނެވި ކަމަށާއި އަދި ޖާބިރުގެ އެއްބާރުލުން އަބަދުވެސް ރައީސް ސޯލިހަށް ލިބިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ސޯލިހަށް ތައުރީފް ކުރައްވާ މިއަދު ޖާބިރު ވާހަކަ ދައްކަވާއިރު، މީގެ ކުރިން ޖާބިރު ވަނީ ރައީސް ސޯލިހަށް އެތައް ފަހަރަކު ތުހުމަތުކުރައްވައި ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ސޯލިހަށް ޖާބިރުވަނީ ވައްކަމުގެ ތުހުމަތު ކުރައްވާފައެވެ. އަދި ރައީސް ސޯލިހާއި ޝާހިދު އަދި އަމީރު މަގާމު ހޯއްދެވީ ރިޝަވަތު ދެއްވައިގެން ކަމަށާއި ރައީސް ސޯލިހަކީ ރިޝްވަތުގެ ދާއިރާއިން ޕީއެޗްޑީ ނަންގަވައިގެން ހުންނެވި ބޭފުޅެއް ކަމަށާއި ޖާބިރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ސޯލިހް މަޖިލީހަށާއި، ފަނޑިޔާރުގެއަށް ނުފޫޒު ފޯރުއްވާ ކަމަށް ވިދާޅުވެ ޖާބިރު ވަނީ އެތައް ތުހުމަތެއް ކުރައްވާފައެވެ. މި ތުހުމަތުތައް ޖާބިރު ކުރައްވާފައި ވަނީ މިދިޔަ ނޮވެމްބަރު މަހު ރައްޔިތުން މަޖިލީހުގައި ބަހުސް ކުރައްވަމުންނެވެ.