ނޫމަޑިއަށް ސަރުކާރުން ބޮޑު ބަދަލެއް ދޭން ޖެހުނު މައްސަލައާ، އަދި އެކުމުގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅަން މާލިއްޔަތު ކޮމެޓީން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމެޓީގެ މި ނިންމުން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މާލިއްޔަތު ކޮމެޓީގެ ނިންމުމުގައި އެ ކޮމެޓީއަށް ދޮގު މައުލޫމާތު ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދެއްވި މައްސަލަ ތަހުގީގު ކުރަން ހުށަހަޅަން ނިންމިއެވެ. މާލިއްޔަތު ކޮމެޓީން މިފަދައިން ނިންމާފައިވާއިރު ނޫމަޑި މައްސަލާގައި ދޮގު މައުލޫމާތު ދެއްވި މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަން ޕޮލިހުގައި ބަންޑާރަ ނާއިބުގެ ފަރާތުންވެސް ވަނީ އެދިފައެވެ.

މާލިއްޔަތު ކޮމެޓީން މީގެއިތުރުން ނިންމާފައި ވަނީ ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުފުންޏަށް ބަދަލު ދޭން ނިންމި މައްސަލައިގައި އިހުމާލުވާ މީހުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ދިނުމަށެވެ.

މާލިއްޔަތު ކޮމެޓީގައި މުއިއްޒަށް ގިނަ ސުވާލުތަކެއް އަމާޒުކުރިއެވެ. އެހެންނަމަވެސް ގިނަ ސުވާލުތަކަކަށް މުއިއްޒު ޖަވާބެއް ނުދެއްވައެވެ. ނޫމަޑިއަށް އެވަރުގެ ބޮޑު ބަދަލެއް ދޭން ޖެހުނީ އާބިޓްރޭޝަންގައި ޑރ. މުއިއްޒު ދެއްވި ބަޔާނެއްގެ ސަބަބުން ކަމަށް، މިހާރުގެ ސަރުކާރުގެ ބައެއް ވެރިން ތުހުމަތު ކުރައްވައެވެ. އެކަމަކު ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ނޫމަޑިއަށް ބޮޑު ބަދަލެއް ދިނުމަކީ ހައުސިން މިނިސްޓްރީގައި މިދިޔަ ސަރުކާރާއި މިސަރުކާރުގައި ވެސް އުޅުއްވާ ބޭފުޅަކު ގަސްދުގައި އެ އަމާޒަށް ގެންދަވަން ވެގެން ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމަށެވެ.