ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކުށުގެ ރިކޯޑާއި ދަރަނީގެ ރިކޯޑު ސާފު ކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް ޑިޕާޓުމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހުޅުވާފައި ހުންނާނެ ގަޑިތައް އާއްމުކޮށްފިއެވެ.
ޑީޖޭއޭއިން ބުނީ ކުށުގެ ރިކޯޑާއި ދަރަނީގެ ރިކޯޑު ސާފުކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް މިއަދުން ފެށިގެން ހުޅުވާލާފައި ހުންނާނެ ކަމަށެވެ. އެގޮތުން ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00އިން ހަވީރު 16:30އަށް ޑީޖޭއޭ ހުޅުވާފައި ހުންނާނެ ކަމަށް ޑީޖޭއޭއިން ބުނެއެވެ. ހުކުރު ދުވަހު މެންދުރުފަހު 14:30އިން ފެށިގެން ހަވީރު 17:00އާ ހަމައަށް ހުޅުވާލާފައި ހުންނާނެ ކަމަށާއި އަދި ހޮނިހިރު ދުވަހު ހެނދުނު 10:00އިން ހަވީރު 16:30އަށް ހުޅުވާފައި ހުންނާނެ ކަމަށް ޑީޖޭއޭއިން މައުލޫމާތުދެއެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ ރެއިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ކައުންސިލް އިންތިހާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަަނަ ދުވަހުއެވެ.
މިފަހަރުގެ އިންތިހާބުގައި 2،69562 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބޭނެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓް އާންމުކޮށްފައެވެ. އަދި ޝަކުވާ ހުށައަޅަން ހުޅުވާލި ފުރުސަތުގައި 373 ޝަކުވާއެއް ވަނީ ލިބިފައެވެ.