އިނގިރޭސިންގެ އިސްތިއުމާރީ އަޅުވެތިކަމުން ފުރިހަމަ މިނިވަންކަން ލިބުނުތާ 72 އަހަރު ފުރޭ ކުލަގަދަ މުނާސަބާ، ސްރީލަންކާގެ އެކި ހިސާބުތަކުގައި ފާހަގަކުރަމުން އެބަދެއެވެ.

މިއީ އެގައުމުގެ މިހާރުގެ ރައީސް ގޮތަބާޔާ ރާޖަޕަކްސައާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ގުޅިފައިވާ މޭސްތިރިކަމުގެ ދަށުން، މި އިހުތިފާލުތައް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.

ސްރީލަންކާގެ 72 ވަނަ ގައުމީ ދުވަހުގެ ރަސްމީ އިހުތިފާލުތައް ފަށާފައިވަނީ، ކޮޅުނބުގައި ހުންނަ އިންޑިޕެންޑެންސް ސްކޮއާގައި ކުރިއަށްދިޔަ ގައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ. މި ރަސްމިއްޔާތުގައި ސްރީލަންކާގެ ގައުމީ ދިދަ ނަންގަވާ ދެއްވީ ރައީސް ގޮތަބާޔާއެވެ. އެއަށްފަހު، ސްރީލަންކާގެ މިނިވަންކަމުގެ ހައްގުގައި އަމިއްލަ ފުރާނަ ދޫކޮށްލި 'ބަތޮލުން'ގެ ހަނދާނުގައި ގެނައި، ހަމަހިމޭންކަމުގެ ސުކޫތު، 2 މިނެޓެއްހާއިރު ވަންދެން ކުރިއަށްދިޔައެވެ.

ސްރީލަންކާގެ 72 ވަނަ ގައުމީދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވަނީ ސްރީލަންކާގެ ރައީސްއަށާ، ނައިބު ރައީސް އަދި އެގައުމުގެ އެންމެހާ ރައްޔިތުންނަށް ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވާ ޓްވީޓެއް ކުރައްވާފައެވެ.

މީގެ އިތުރުން ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުވެސް ވަނީ ދުވަހުގެ ހެޔޮ އެދުމާ ތަހުނިޔާ އަރިސްކުރައްވާފައެވެ.

ސްރީލަންކާއަކީ ރާއްޖެއިން ބޭރުގައި އެންމެ ގިނަ އަދަދަކަށް ދިވެހިން ވަޒަންވެރިވެގެން ދިރިއުޅެމުންދާ ގައުމެވެ.

ސްރީލަންކާގެ ގައުމީ ދުވަހުގެ މިއަހަރުގެ ޝިއާރެއް ކަމުގައި ކަނޑައަޅާފައިވަނީ 'ރައްކާތެރި ދައުލަތެއް – ކުރިއަރާފައިވާ ގައުމެއް' މި ޝިއާރެވެ.

އިނގިރޭސިންގެ އަތުން މިނިވަންކަން ލިބުނު ދުވަސް، ސްރީލަންކާގައި ފާހަގަކުރަނީ އެގައުމުގެ 'ގައުމީ ދުވަހުގެ' ގޮތުގައެވެ.