ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ދައުލަތުގެ ތިން ބާރު، އެއްބާރަށް އަނެއް ބާރުގެ މައްޗަށް ނާރާނެ ކަމަށް ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވުމުން އެކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ފާޑު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަވާ ރައީސް ސޯލިހު ވިދާޅުވީ ދައުލަތުގެ ތިން ބާރު މިނިވަންކަމާ އެކު މަސަައްކަތް ކުރުމާ އެކު އެއްބާރުން އަނެއް ބާރަށް ފާރަވެރިވެ، ޒިންމާދާރު ކުރުވުމުގެ މިސާލެއް މި ސަރުކާރުން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައިވެސް ދައްކުވައި ދީފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ތިން ބާރު ވަކިވެފައި އޮންނަ ޑިމޮކްރަސީގެ މި ނިޒާމުގެ ހުރިހާ މަންފާއެއް އޮތީ ރައްޔިތުންނަށް ކަމަށެވެ. ދައުލަތުގެ ކޮންމެ ބާރެއް ވެސް އެ ބާރެއްގެ ދުސްތޫރީ އިމުގެ ތެރޭގައި އެބައެއްގެ މަަސައްކަތަށް ސަމާލުކަން ދޭ ނަމަ ރައްޔިތުންނަށް ލިބޭ މަންފާ މިހާރަށް ވުރެ ބޮޑުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ރައްޔިތުންނަށް ފެނިގެން މިދިޔައީ، ދައުލަތުގެ ތިން ބާރު މިނިވަންކަމާ އެކު މަސައްކަތްކޮށް، އެއް ބާރުން އަނެއް ބާރަށް އެހީތެރިވެ، ފާރަވެރިވުމާއި ޒިންމާދާރުކުރުވުމުގެ ވަރަށް ރީތި މިސާލެއް،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ އެ ވާހަކަފުޅަށް ފާޑު ވިދާޅުވެ ހައިލަމް ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސްގެ އެ ވާހަކަފުޅަށް ސުވާލުތަކެއް އުފައްދަވާފައެވެ. އެގޮތުން ވެރިކަންކުރާ ޕާޓީން މަޖިލިހާއި ޖޭއެސްސީ ކޮންޓްރޯލް ކުރާއިރު، ވެސް އެއަށް ކިޔަނީ ތިންބާރު ވަކިވެ މިނިވަންވެފައިވުންތޯ ހައިލަމް ވަނީ ސުވާލު އުފައްދަވާފައެވެ. ހައިލަމް ވަނީ ވައުދާ އެއްގޮތަށް ޖޭއެސްސީގެ އޮނިގަނޑު ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ސަރުކާރާއި މަޖިލިސް ގުޅިގެން ކާމިޔާބު މަސައްކަތްތަކެއް މިދިޔަ އަހަރު ކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ. ސަރުކާރުން މިދިޔަ އަހަރު ފޮނުވި 49 ބިލެއްގެ ތެރެއިން 27 ބިލް ފާސްކޮށްފައިވާކަން ފާހަގަކޮށް ރައީސް ވަނީ މަޖިލީހުގެ މެމްބަރުންނަށް ޝުކުރު އަދާކުރެއްވާފައެވެ.