އައިޑީކާޑު ޑިޖިޓަލްކޮށް، ޕްރައިމަރީ ދަރިވަރުންނަށް ކޯޑިން ދަސްކޮށްދޭން ނިންމައިފިއެވެ.
މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ގައުމީ މަންހަޖަށް ސްޓެމްގެ މާއްދާތައް ތަރައްގީކޮށް، ޕްރައިމަރީ ސްކޫލުން ފެށިގެން ކޯޑިން ދަސްކޮށްދިނުމަށް ސަރުކާރުން މަސައްކަތް ފަށާނެ ކަމަށެވެ. އަދި މިހާރު އެކުލަވާލާފައިވާ ނެޝަނަލް އައިޑެންޓިފިކޭޝަން މަގުޗާޓާ އެއްގޮތަށް، ދިވެހި ރައްޔިތުންގެ އައިޑެންޓިޓީ ކާޑުތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށިގެން ދާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ، ތަރައްގީގެ އަމާޒުތަކަށް ވާސިލްވުމުގައި، ސަރުކާރަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރެވޭނީ، ޒަމާނީ އާ ޓެކްނޮލޮޖީގެ ބޭނުން ހިފިވަރަކުން ކަމަށެވެ. އަދި ދުނިޔޭގެ އިގްތިސޯދީ ދުވެއްޔާ ފައި ހަމަކޮށް، އީޖާދީ ގޮތްތަކުގެ ބޭނުން ހިފައިގެން ވިޔަފާރިއާއި މަސައްކަތް ހޯދަން ދަންނަ ޖީލެއް އުފެއްދުމަށްޓަކައި، ދަރިވަރުންނާއި ޒުވާނުން ޓެކްނޮލޮޖީ އާއި ސައިންސަށް އަހުލުވެރި ކުރުވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ތައުލީމީ ދާއިރާއިން، ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ސަރުކާރުން ފަހިކޮށްދީފައި ނުވާހާ ތަނަވަސް ފުރުސަތުތަކެއް، މިދިޔަ އަހަރު ފަހިކޮށްދެވުނު ކަމަށެވެ. އެގޮތުން، ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން، މިދިޔަ އަހަރުގެ ނިޔަލަށް، 5000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އައި ކަމަށާއި، ހަޔާ އެޑިއުކޭޝަން ލޯން ސްކީމުގެ ދަށުން، 4144 ދަރިވަރަކަށް، މިދިޔަ އަހަރު ލޯނާއި ސްކޮލަޝިޕްގެ އެހީތެރިކަން ދީފައިވާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ ތައުލީމީ ދާއިރާއަށް ބަލާއިރު، ދަރިވަރުންނަށް ހޯދައިދެވުނު އެންމެ ރަނގަޅު އެއް ބަދަލަކީ، ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ދޭން ފެށުން ކަމަށެވެ. ރައީސް ސޯލިހް ވިދާޅުވީ، މިޕްރޮގްރާމް ވެސް ފުރިހަމައަށް ހިންގޭނީ، ހުރިހާ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރެވިގެން ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް ހެދި އޮޑިޓްގެ މައްޗަށް ބިނާކޮށް، 3 އަހަރު ދުވަހުގެ ޕްލޭނެއް ހަދައި ތަންފީޒު ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޓިވެޓް ތަމްރީނުތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން، ރާއްޖޭގެ ތިން ސަރަހައްދެއްގައި، ފެންވަރު ރަނގަޅު ޓިވެޓް ސެންޓަރުތަކެއް ހެދުމަށް މިއަހަރު ބަޖެޓްކުރެވިފައިވާ ކަން ވެސް ރައީސް ސޯލިހް ފާހަގަ ކުރެއްވިއެވެ.