ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ފަތުރުވެރިކަން ހީނަރުވެފައިވާ ކަަމށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް ވިދާޅުވީ، ކޮރޯނަ ވައިރަހާ ގުޅިގެން 23 ޖެނުއަރީން ފެށިގެން މިއަދާ ހަމައަށް 13200 ބުކިން ކެންސަލް ކޮށްފައިވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަން ހީނަރު ކުރުވާ ވަރުގެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ބުކިން ކެންސަލް ވުމުގެ ސަބަބުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި، ފަތުރުވެރިކަން އިޝްތިހާރުކުރުމަށް، މިއަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ މިދިޔަ އަހަރުވެސް ބޭރު ދުނިޔޭގައި ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުނު ކަން ފާހަގަ ކުރައްވާފައެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭގޮތުން ރައީސް ސޯލިހް ވިދާޅުވީ، އަމާޒު ހިފި މިސްރާބަށް، މިދިޔަ އަހަރު ވާސިލުވެފައިވާ ކަމަށެވެ. އެގޮތުން އަމާޒަކީ މިދިޔަ އަހަރުގެ ތެރޭގައި 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށްވިޔަސް، މިދިޔަ އަހަރުގެ ނިޔަލަށް 1.7 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު، 14.7 އިންސައްތައިގެ އިތުރުވުމެއް ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މިއަހަރު ސަރުކާރުގެ އަމާޒަކީ، 2021 ވަނަ އަހަރު ނިމުމުގެ ކުރިން 2.15 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެސް، މި ދައުރު ނިމުމުގެ ކުރިން، ކޮންމެ އަހަރަކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު، 2.5 މިލިއަނަށް އިތުރު ކުރުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ފަތުރުވެރި ކަމަށް އައި ކުރިއެރުން ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގައި 158 ރިސޯޓާއި 607 ގެސްޓް ހައުސް އަދި 12 ޓޫރިސްޓް ހޮޓަލާއި 156 ސަފާރީގައި ފަތުރުވެރިން ޗުއްޓީ ހޭދަކުރި ކަމަށެވެ. އަދި އެއީ ޖުމްލަ 50591 އެނދު ކަމަށާއި، އަދި މިއަހަރުގެ ތެރޭގައި، އިތުރު 1300 އެނދާއެކު، 13 ރިސޯޓާއި 74 ގެސްޓް ހައުސް އަލަށް ހުޅުވޭނެ ކަމަށް ވެސް އެމަނިކުފަނު ލަފާކުރެއްވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، ގައުމީ ތަރައްގީއާ ގުޅިފައިވާ އެންމެ މުހިންމު އެއް ކަމަކީ، ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް އޮތުން ކަމަށާއި، ކަނޑުމަގުންނާއި ވައިގެ މަގުން ދަތުރުކުރެވޭނެ، އިތުބާރުހުރި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް، ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމަށެވެ. އެގޮތުން، ހއ. ހޯރަފުށްޓާއި ގައި މ. މުލި އަދި ގދ. ފަރެސްމާތޮޑާގައި ހަދާ އެއާޕޯޓުތައް ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ސޯލިހް ވިދާޅުވީ، ކުރިއަށް އޮތް 4 އަހަރުގެ ތެރޭގައި، ރާއްޖޭގެ 6 ރަށެއްގައި އެއާޕޯޓްތައް ތަރައްގީކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ ރަށްތައް ކަނޑު ދަތުރުފަތުރުގެ ލުއިފަސޭހަ ނިޒާމަކުން ގުޅައިލުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ހއ، ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް، މުޅިން އައު ދަތުރުތަކެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ، މިމަޝްރޫއުގެ ދަށުން، ދުވެލި ހަލުވި، ތިމާވެއްޓާ ރަޙްމަތްތެރި އަދި ރައްކާތެރި އުޅަނދުތަކެއްގެ އެހީގައި މިއަހަރުގެ ތެރޭގައި ހިދުމަތް ފެށޭނެ ކަމަށެވެ.