މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލް، ވޭތުވެދިޔަ ތިން ދައުރުގައި ވެސް ހަރަކާތްތެރިވީ އެމްޑީޕީގެ ޖަގަހައެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ނިހާން މިގޮތަށް ވިދާޅުވެފައި މިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޓީ ކައުންސިލްތަކުގެ މޭޔަރުން ފެއިލްވީ، ކުރީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ހުރެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެނެވެ.
ނިހާން ވިދާޅުވީ މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލް، ވޭތުވެރދިޔަ ތިން ދައުރުގައިވެސް ހަރަކާތްތެރިވީ އެމްޑީޕީގެ ޖަގަހައެއްގެ ގޮތުގައި ކަމަށާއި އެއީ ފެއިލްވުމުގެ އެންމެ ބޮޑު ސަބަބު ކަމަށެވެ. މިފަހަރުވެސް ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ދީފިނަމަ ފެއިލް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޝީދު މިއަދު ވިދާޅުވީ ރައީސް ޔާމީން ސަރުކާރުގައި ކައުންސިލަރުންނަށް ފިއްތުންތައް ކުރިމަތި ކުރަވައި، އެ މީހުންގެ މަސައްކަތްތަކަށް އެތައް ގޮތަކުން ހުރަސް އެެޅުވި ކަމަށެވެ. އަދި އެއީ ސިޓީ ކައުންސިލްތަކުގެ މޭޔަރުން ފެއިލްވި ސަބަބު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ކައުންސިލްރުންނަށް ފިއްތުންތައް ކުރިމަތި ކުރުވި ކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ކައުންސިލްގެ އިދާރާއާ، ކައުންސިލްގެ ގޮނޑި، މޭޒު ވެސް އަތުލީ ކަމަށެވެ. އަދި ކައުންސިލަރުންގެ މުސާރައިން ވެސް ބައެއް ނަގާ، ބައެއް ކައުންސިލަރުން ހައްޔަރު ކުރެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ކައުންސިލްތަކުގެ ބާރުތައް ކުޑަކޮށް، ބައެއް ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި ކުރީ ސަރުކާރުގައި ސިޓީ ކައުންސިލަރުންނަށް މަތި ކޮށްފައިވާ ކަންކަން ބައެއް މިނިސްޓްރީތަކުގެ އިހްތިސޯސައް އިތުރުކޮށްފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.