ކޮމަންވެލްތުގެ ހުރިހާ ގައުމެއްގެ ތާއިދާއެކު ރާއްޖެ އަނެއްކާވެސް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ކަނޑައަޅާފިއެވެ.

މިކަން އިއުލާނު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓްވީޓަކުންނެވެ. ރައީސް ސޯލިހްގެ ޓްވީޓުގައި ވިދާޅުވީ، ކޮމަންވެލްތުގެ މެންބަރަކަށް ރަސްމީކޮށް ރާއްޖެވެފައިވަނީ، ކޮމަންވެލްތުގެ ހުރިހާ ގައުމެއްގެ ފުރިހަމަ ތާއީދާއެކު ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ، މިއީ ދިވެހި ރައްޔިތުންނަށް ބައިނަލްއަގްވާމީ މަސްރަހުގައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. ރާއްޖެއިން ކޮމަންވެލްތުގެ މެންބަރަކަށް އަލުންވުމަށް ހުށަހެޅި ހުށަހެޅުން ކާމިޔާބުވެފައިވާކަން އަންގަވާފައި ވަނީ ރައީސް ސޯލިހަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑް ފޯނުން ގުޅުއްވުމަށްފަހުއެވެ.

ކޮމަންވެލްތަށް އަލުން ވަނުމަށް ހުށަހަޅައި، އެމަސައްކަތް ކުރިއަށް ގެންދެވުމަކީ ރައީސް ސޯލިހް 17 ނޮވެމްބަރު 2018 ވަނަ ދުވަހު މަގާމުގެ ހުވާ ކުރެއްވުމަށްފަހު ނިންމެވި އެންމެ ފުރަތަމަ އެއްކަންތަކެވެ. ރައީސްގެ ނިންމެވުމަށް ސަރުކާރުގެ ފުރަތަމަ ހަފްތާތެރޭ ކެބިނެޓުން ރުހުން ދެއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވައި، ދިވެހި ރައްޔިތުންގެ އުއްމީދުތަކާއި އެއްގޮތަށް ކޮމަންވެލްތަށް ވަނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފައެވެ.

ކޮމަންވެލްތަށް އަލުން ވަނުމަށް ރާއްޖެއިން ހުށަހެޅުމުން، 2019 ޖެނުއަރީގައި ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ ފުރަތަމަ އެސެސްމަންޓް ޓީމް ރާއްޖެއަށް ވަޑައިގެން، ކަމާއި ގުޅުންހުރި ފަރާތްތަކާއި ބައްދަލުކުރައްވައި، ރާއްޖޭގެ ފުރަތަމަ އެސެސްމަންޓް ހެއްދެވިއެވެ. އަދި 2019 ވަނަ އަހަރުގެ އެޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވް ކުރުމަށް ކޮމަންވެލްތު އޮބްޒާވާ ގްރޫޕެއް ރާއްޖެއަށް ޒިޔާރަތްކުރެއްވިއެވެ. ކޮމަންވެލްތުގެ މެންބަރަކަށްވުމަށް ދރާއްޖެއިން ހުށަހަޅަން ޖެހޭ ހުރިހާ ޑޮކިއުމެންޓެއް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާއި މިދިޔަ ޖޫން 12 ވަނަ ދުވަހު މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ލަންޑަނަށް ވަޑައިގެން ހަވާލުކުރެއްވިއެވެ. އަދި މިދިޔަ އޮގަސްޓްގައި ކޮމަންވެލްތުގެ ދެވަނަ އެސެސްމަންޓް މިޝަން ރާއްޖެއަށް ޒިޔާރަތްކުރައްވައި، ކަމާ ބެހޭ ފަރާތްތަކާއި ބައްދަލުކުރެއްވިއެވެ.

ރާއްޖެއިން ކޮމަންވެލްތަށް އަލުން މިވަނީ އެޖަމްއިއްޔާގެ 54 ވަނަ މެމްބަރު ގައުމުގެ ގޮތުގައެވެ. ރާއްޖެއިން މީގެ ކުރިން ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތް އިރު ވަރަށް ގިނަ ހަރަކާތްތަކެއްގައި ދިޔައީ ބައިވެރިވަމުންނެވެ. އެގޮތުން ޒުވާނުންނާއި، ސިއްހަތާއި، ތައުލީމުގެ އިތުރުން އަންހެނުންގެ ހައްގުތަކުގެ ދާއިރާފަދަ ދާއިރާތަކުގައި މުހިއްމު މަސައްކަތްތަކެއް ކޮމަންވެލްތުގެ މެންބަރު ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ކޮށްފައިވެއެވެ. 1992 ވަނަ އަހަރު ކޮމަންވެލްތު ޔޫތު މިނިސްޓަރުންގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ ރާއްޖޭގައެވެ. އަދި ކޮމަންވެލްތު ގޭމްސްގައިވެސް ރާއްޖެއިން ފުރިހަމަޔަށް ބައިވެރިވަމުން އައިސްފައިވާއިރު، 2022 ވަނަ އަހަރު އިނގިރޭސިވިލާތުގެ ބަރމިންހަމްގައި ބާއްވާ ކޮމަންވެލްތު ގޭމްސް ވެގެންދާނީ އެކި ކުޅިވަރުތަކުގައި ދިވެހި އެތުލީޓުންނަށް ވާދަކޮށްލަން ލިބޭ ރަނގަޅު ފުރުސަތަކަށެވެ.

ކޮމަންވެލްތުގެ ވެފައިވަނީ ބައިނަލްއަގްވާމީ އެހެން ޖަމްއިއްޔާތަކަށް ވުރެ ބޮޑަށް ކުދި ގައުމުތަކުގެ މައްސަލަތަލަށް ފަރިތަ ޖަމްއިއްޔާއަކަށެވެ. މީގެ ކުރީގެ ތަޖުރިބާއަށް ބިނާކޮށް، ކުރިއަށް އޮތްތަނުގައި މޫސުމީ ބަދަލުތަކުގެ މައްސަލަތަކާއި، ވިޔަފާރިއާއި، ޒުވާނުން ބާރުވެރިކުރުވުމާއި، ހެޔޮވެރިކަމާއި، މީހުން ބިނާކުރުމާއި މިންތީގެ ހަމަހަމަކަމާއި އަދުލުއިންސާފުގެ ދާއިރާތަކުން ރާއްޖެއާއި ކޮމަންވެލްތާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވެން އެބަހުއްޓެވެ.

މި އަހަރު ރުވާންޑާގެ ވެރިރަށް ކިގާލީގައި ބާއްވާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެ، ޖަމްއިއްޔާގެ ފުރިހަމަ މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވާނެއެވެ. އަދި ކޮމަންވެލްތުގެ ސަބްސިޑަރީ ޖަމްއިއްޔާތަކުގައިވެސް ރާއްޖެއިން ބައިވެރިވެ، ބިނާކުރަނިވި މަސައްކަތްތަކެއް ކުރާނެއެވެ.