ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން، ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހްމަދު ހިޝާން ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށްޓަކައި ޖެނުއަރީ 31 ވަނަ ދުވަހު ހިޝާން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ހިޝާން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ ކޮން މައްސަލައެއްގަކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.
ހިޝާން ފުލުހަށް މިއަދު ހާޒިރުކޮށްފައިވާއިރު، މި މަހުގެ 20 ވަނަ ދުވަހު މަގުމަތީގައި ހުއްޓައި ބަޔަކު ހިޝާން އަށް މަރުގެ އިންޒާރު ދިން ކަމަށް އޭނާ ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން ފުލުހުން އިއްޔެ ބުނީ ހިޝާންއަށް މަރުގެ އިންޒާރުދީ ބަޔަކު ބިރުދެއްކި މައްސަލައިގެ ތަހުގީގަށް އޭނާގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ.
ފުލުހުން ބުނީ ހިޝާނަށް ބިރު ދެއްކި މައްސަލާގައި، އޭނާއަށް ބިރު ދެއްކި މީހުން ހޯދުމަށްޓަކައި، ކަން ހިނގި ތަނާއި، މަގު އަދި ބިރު ދެއްކި ފަރާތް ފާހަގަ ވޭތޯ އަދި ކިހިނެތްތޯ ސާފު ކުރުމަށް ތަކުރާރުކޮށް އޭނާއަށް ގުޅައިގެން ކުރި މަސައްކަތުން ވެސް މިފަދަ އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައި ނުވާ ކަމަށެވެ. އަދި ފުލުހުންނާއި ބައްދަލު ކުރުމަށް ވެސް އޭނާ އުޒުރުވެރިވަމުން އަންނާތީ މި މައްސަލާގައި މާ ބޮޑު ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ސީސީޓީވީ ފޫޓޭޖު ހޯދުމަށާއި، ހިޝާނަށް ބިރު ދެއްކި ލޮކޭޝަނާއި ބިރު ދެއްކި މީހާގެ ވެސް އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ވެސް ނުވާ ކަމަށް ފުލުހުން ބުނެއެވެ.
ހިޝާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތަހުގީގު ހިންގާ ފަރާތުންނާއި އަދި ވިކްޓިމް ސަޕޯޓުންވެސް ކުރި މަސައްކަތުން ހިޝާނާ ބައްދަލު ކުރުމަށް އޭނާ އުޅުއްވާ ތަނަށް ދިއުމަށް މިވަގުތު ހިޝާން އުޒުރުވެރިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ ، މި މައްސަލަ ތަހުގީގު ކުރުމަށް ވަނީ ހުރަސް އެޅިފައި ކަމަށެވެ.
ފުލުހުން މިހެން ބުނެފައިވާއިރު، ލިބެމުންދާ މަރުގެ އިންޒާރުތަކަށް ހުއްޓުމެއް ނާންނަ ކަމަށާއި މިވަގުތު ބޭނުން ވަނީ ރާއްޖެ ދޫކޮށްދާން ކަމަށް ހިޝާން ވަނީ ވިދާޅުވެފައެވެ. "ދަ ޕްރެސް" އަށް ހިޝާން ވިދާޅުވީ، މީގެ ކުރިންވެސް މަރުގެ އިންޒާރުތައް އެތަކެއް ފަހަރު ލިބިފައިވާ ކަަމަށެވެ. ނަމަވެސް ވޭތުވެދިޔަ ދެތިން މަހެއްގެ ތެރޭގައި މަރުގެ އިންޒާރުތައް ވަރަށް ބޮޑަށް ލިބެމުން ގޮސްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މަގުމަތިން ދާއިރުވެސް މަރުގެ އިންޒާރުތައް ލިބޭ ކަަމަށެވެ. އެގޮތުން ހާއްސައެހީއަށް ބޭނުންވާ ކުއްޖަކު ގޮވައިގެން ސައިކަލުގައި ދިޔަ ދުވަހެއްގައި އެފަދަ ހާދިސާއެއް ދިމާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއްވެސް މީހަކާ މައްސަލައެއް ޖެހިފައިނުވާނެ ކަމަށާއި އަބަދުވެސް މަސައްކަތް ކުރަމުން މިގެންދަނީ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ކަމަށެވެ.