ކޮރޯނާއަށް ޝައްކު ކުރެވޭ ކަމަށް ތުހުމަތު ކުރެވޭ މީހާގެ ފޮޓޯއާ އެކުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރައްވާފައިވާ ޓްވީޓު އެކަމަނާ ޑިލީޓް ކުރައްވައިފިއެވެ.

އެކަމަނާ އެ ޓްވީޓު ކުރެއްވުމުންވެސް ގިނަބަޔަކު ދިޔައީ އެ ކަމަނާއަށް ފާޑު ކިޔަމުންނެވެ. އަދި އެ ޓްވީޓު އެކަމަނާ ޑިލީޓް ކުރެއްވުމުން ވެސް އެކަމަށް ގިނަބަޔަކު ދިޔައީ ފާޑު ކިޔަމުންނެވެ. ޓްވީޓު ޑިލީޓް ކުރެއްވުމަށްފަހު މާރިޔާ ވަނީ އެކަމަނާ އެ ޓްވީޓު ޑިލީޓް ކުރެއްވި ސަބަބު އިތުރު ޓްވީޓަކުން ހާމަކުރައްވާފައެވެ.

އެ ފޮޓޯއިން ފެންނަނީ ކޮރޯނާއަށް ޝައްކު ކުރެވޭ މީހާ ކަރަންޓީނު ކުރުމަށް ލ. ފޮނަދޫއަށް ގެންދާ ތަނެވެ. އަދި ސީ އެމްބިއުލާންސުން އެމީހާ އެރަށަށް ފައިބާއިރު އެމީހާގެ ފަހަތުގައި ސިފައިންވެސް ތިބޭ މަންޒަރު ފެނެއެވެ. މާރިޔާ ވިދާޅުވީ ޓްވީޓު ޑިލީޓް ކުރެއްވީ އާއްމު ރައްޔިތުން އެކަމާ ހިތްހަމަ ނުޖެހޭނެތީ ކަމަށެވެ. އަދި ސިފައިން ކުރި މަސައްކަތުގެ އަގު ވެއްޓެން އެކަމަނާ ބޭނުން ނުވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ޗައިނާގެ ވޫހާން ސިޓީން ފެތުރެމުންދާ ކޮރޯނާ ވައިރަސް ޖެހިފައިވާކަމަށް ޝައްކު ކުރެވިފައިވާ ދިވެހި މީހާ ކަރަންޓީން ކުރުމުގައި ސިފައިން ކުރި މަސައްކަތައް މާރިޔާ ވަނީ ތައުރީފު ކުރައްވާފައެވެ. ވަނީ، ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ ދިވެހި ޒުވާނާ އެކަހެރި ތަނަކަށް ބަދަލުކުރުމުގައި އެހީތެރިވި އަންހެން އަދި ފިރިހެން ސިފައިންނަށް ހެޔޮ ދުއާކުރައްވާފައެވެ. އަދި އެހީތެރިކަން ފޯރުކޮށްދިން ސިފައިންނާއި، އެ ސިފައިންގެ އާއިލާތަކަށް ރައްކާތެރިކަން ދެއްވުމަށާއި ބަލި މީހާއަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި މާރިޔާ ވަނީ ދުއާ ކުރައްވާފައެވެ.

ކޮރޯނާއަށް ޝައްކު ކުރެވޭ މީހާގެ ފޮޓޯއާ އެކުގައި މާރިޔާ ޓްވީޓު ކުރެއްވުމުން ގިނަބަޔަކު އަންނަނީ އެ ބަލި ޖެހިފައިވާ މީހުން ނުވަތަ ޝައްކު ކުރެވޭ މީހުންނަށްވެސް ރައްކާތެރިކަން ދިނުމަށް ގޮވާލާފައެވެ. އަދި އެފަދަ މީހުންގެ ފޮޓޯއާއި ވީޑިއޯ އާއްމު ނުކުރުމަށް ސަރުކާރަށް އާއްމު ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.