ކަންބޮވަނީ ޕީޕީއެމް ހިންގާނެ މީހަކު ނެތިގެނެއް ނޫން ކަމަށާއި ކަންބޮޑުވަނީ އެ ޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާފައި އޮތީ ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފު މިހެން ވިދާޅުވެފައި ވަނީ، ވަކި މީހަކު ނެތިގެން ޕާޓީ ނުހިންގޭނެ ކަމަށް ވާ ނަމަ އެއީ ސިޔާސީ ޕާޓީއެއް ނޫން ކަމަށް މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވުމާ ގުޅިގެން އެއަށް ރައްދު ދެއްވައެވެ. މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީލޯންޑަރިންގެ މައްސަލައިގެ އިސްތިއުނާފު ޝަރީއަތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ.
މާރިޔާ މިހެން ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި، އާދަމް ޝަރީފް ވިދާޅުވެފައި ވަނީ، ކަންބޮޑުވެގެން އުޅެނީ ޕާޓީ ހިންގާނެ މީހަކު ނެތިގެނެއް ނޫންކަމަށާއި، ކަންބޮޑުވަނީ އިސްލާމްދީނާއި ގައުމުގެ ސިޔާސަތާއި މިނިވަންކަމާއި ގައުމިއްޔަތާއި، ތަރައްގީގެ ފިކުރު ނެގެހެއްޓި ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ޖަލަށް ލާފައިވާތީ ކަމަށެވެ. އަދި ގައުމިއްޔަތެއް ނެތް މީހަކަށް އެކަންކަމެއް ނޭނގޭނެ ކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.
ހައިކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ އިދިކޮޅު ޕާޓީގެ ލީޑަރު ކަމަށާއި ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމުން ޕާޓީގެ މަސައްކަތްތަކަށް ހީނަރުކަން ލިބި، ސަރުކާރު ޒިންމާދާރު ކުރުވުމަށް ދަތިވެފައިވާ ކަމަށެވެ. މީގެ އިތުރުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށްވެސް އެކަމުގެ ސަބަބުން ހުރަސް އެޅިފައިވާ ކަމަށެވެ. އެހެން ކަމުން އެމަނިކުފާނު އެދިވަޑައިގެންފައިވަނީ ކަފާލާތުގެ ދަށުން މިނިވަން ކޮށް ދިނުމަށާއި، ހުކުމް ތަންފީޒު ކުރުން ފަސް ކޮށްދިނުމަށެވެ. ނަމަވެސް ދައުލަތުން ވަނީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބޭފުޅަކަށް ސިޔާސީ ޕާޓީއެއްގެ ލީޑަރަކަށް ނުހުންނެވޭނެ ކަމަށް ވިދާޅުވެ ރައީސް ޔާމީނަކީ މިހާރު ޕާޓީއެއްގެ ލީޑަރެއް ނޫން ކަމަށް ބުނެފައެވެ.
ރައީސް ޔާމީންގެ އެ ވާހަކަތައް ރައްދު ދެއްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ވަކި މީހަކު ނެތިގެން ޕާޓީ ނުހިންގޭ ކަމަށް ވާނަމަ އެއީ ސިޔާސީ ޕާޓީއެއް ނޫން ކަމަށެވެ. ރައީސް ޔާމީނަށް މިއަދު ކުރިމަތިވެފައިވާ ހާލަތަކީ އެމަނިކުފާނު އާރާ ބާރުގައި ހުންނެވިއިރު ގާނޫނުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން ދިމާވި ހާލަތެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ އެހެން ވިދާޅުވެފައި ވަނީ، ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބަދަލު ގެނެސް، ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބޭފުޅަކަށް ސިޔާސީ ޕާޓީއެއްގެ ލީޑަރަކަށް ނުހުންނެވޭނެ ކަމަށް ގެނައި އިސްލާހުގެ ސަބަބުންނެވެ. އެފަހަރު އެ އިސްލާހު ގެނައީ ކުރީގެ ރައީސް ނަޝީދާއި، މިހާރުގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އަމާޒުކޮށެވެ.