އިދިކޮޅު ވަރުގަދަކުރައްވަން މަސައްކަތް ކުރައްވާ ކަމަށާއި މި ފަހަރު ސަރުކާރު ކޮށި އަރުވާލާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
''ދަ ޕްރެސް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުމަރު ނަސީރު ވިދާޅުވީ، ސަރުކާރު ބޭނުންހާ ގޮތަކަށް ކަންކަން ކުރާތަން ބައްލަވަން ނުހުންނަވާނެ ކަމަށެވެ. ހަމައެއާއެކު އޭނާއަކީ އޮޕޮޒިޝަންގައި ހުންނަވައިގެން ލީޑްކުރެއްވި ފަރާތެއް ކަމަށާއި 2008 ވަނަ އަހަރުން 2010 ވަނަ އަހަރާ ދެމެދު އޭރުގެ ސަރުކާރު ކޮށިއަރާ ވަރު ކުރެއްވި ކަމަށާއި އަދިވެސް އެވަރު ކުރައްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ލީޑްކުރެއްވި ދުވަސްވަރަކީވެސް އެމްޑީޕީގެ ސަރުކާރު ވެރިކަން ކުރަމުން ދިޔަ ދުވަސްވަރެވެ. އެ ދުވަސްވަރު އޮޕޮޒިޝަނުން ނުކުމެ ސަރުކާރާ ދެކޮޅަށް އަޑުއުފުލާ ވަރުގަދަ މުޒާހަރާއެއް ވަނީ ކޮށްފައެވެ. އަދި ފެބްރިއަރީ 7 ވަނަ ދުވަހު އޭރުގެ ވެރިކަމުގައި ހުންނެވި ރައީސް އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވެރިކަމުން އިސްތިއުފާ ދެއްވާފައެވެ. އެ ދުވަސްވަރު އޮޕޮޒިޝަންގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އާއި އުމަރު ހިމެނިވަޑައިގަންނަވައެވެ.
މިހާރު އަބްދުﷲ ރިޔާޒާއި ނާޒިމް ގުޅިވަޑައިގެން ސިޔާސީ ޕާޓީއެއް ހައްދަވާ ކަމަށް އަޑުތައް ފެތުރިފައިވާ އިރު އެވާހަކަތައް އަބްދުﷲ ރިޔާޒް ވަނީ ދޮގު ކުރައްވާފައެވެ. މި ފަދަ ވާހަކަ ތަކެއް އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ އިރު އެ ސިޔާސީ ޕާޓީ އުފެއްދުމުގައި އުމަރު ނަސީރާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ވެސް ހިމެނިވަޑައިގަންނަވާ ކަަމަށް ލިޔެފައިވެއެވެ.
މިކަމަށް ރައްދު ދެއްވަމުން އުމަރު ވިދާޅުވީ، ސަރުކާރުން ބޭރުގައި މިހާރު ތިއްބެވި ވަރުގަދަ ސިޔާސީ ޝަހުސިއްޔަތުތައް އެކުވެގެން ދަނީ ވަރުގަދަ އިދިކޮޅެއް އުފެއްދުމަށް މަޝްވަރާ ކުރައްވަމުން ކަމަށެވެ. އުމަރު ވިދާޅުވީ، ރިޔާޒާއި ނާޒިމް ގުޅިގެން ޕާޓީއެއް ހައްދަވާ ކަމަށް އެ ދައްކާ ވާހަކަތަކަކީ ދޮގު ވާހަކައެއް ކަމަށެވެ. އެއީ އެ ދެބޭފުޅުން ކުރައްވާ ކަމެއް ނޫން ކަމަށާއި އެއީ ވަރަށް ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން އެކުވެގެން ކުރައްވަން އުޅުއްވާ ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ.
އެގޮތުން ސަރުކާރުން ބޭރުގައި ތިބި ސިޔާސީ ފަރާތްތައް އިދިކޮޅު ޕާޓީއެއް އުފައްދަން ކުރާ މަޝްވަރާގައި ދެން ހަދާނެގޮތަކާ މެދު ވާހަކަތައް ދެވެވޭކަމަށް އުމަރު ވިދާޅުވިއެވެ. މިހާރުގެ ހާލަތަށް ބަލާއިރު އިދިކޮޅު ގޮތުގައި އޮތް ޕާޓީ އޮތީ ވަޅުޖެހިފައި ކަމަށާއި އެހެން އިދިކޮޅު އޮތަ ނުދެއްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
ސަރުކާރާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން އުމަރު ވިދާޅުވީ، ސަރުކާރާމެދު ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަމަށާއި އަދި ސަރުކާރަށް ތާއީދު ނުކުރާ ބައެއް އެކުވެގެން އިދިކޮޅު ވަރުގަދަ ކުރުމަށް ޕީޕީއެމް ކުރިއަށް ނެރެގެން ވިޔަސް ނުވަތަ އިދިކޮޅު އާ ޕާޓިއެއް އުފެއްދުން ކަމުގައި ވިޔަސް އެކަން ކުރައްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
ވަރުގަދަ އޮޕޮޒިޝަނެއް އޮތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ. މިހާރު ސަރުކާރާ އިދިކޮޅަށް ނުކުންނަ ފަރާތްތަކުގެ ތެރެއިން އެ ރޯލް ފެނިވަޑައިނުގަންނަވާ ކަމަށް އުމަރު ވިދާޅުވިއެވެ.
ވަރުގަދަ އޮޕޮޒިޝަނެއް ތައްޔާރު ކުރުމަށް ދެގޮތެއް އުމަރު ހިއްސާކުރެއްވިއެވެ. އެއްގޮތަކީ ޕީޕީއެމް ހަރުދަނާކުރުމާއި ޕީޕީއެމްގެ ލިޑާޝިޕް އިންތިހާބަކަށް ދޭތޯ މަޑުކުރުން ނުވަތަ، އެކަން ނުވެއްޖެއްޔާ އާ ސިޔާސީ ޕާޓީއެއް އުފައްދައިގެން އިދިކޮޅު ވަރުގަދަކުރުން ކަަމަށް އުމަރު ވިދާޅުވިއެވެ.
އާ ސިޔާސީ ޕާޓީ ހަދަން އުޅޭ ކަމުގެ ހަބަރުތަކާ ގުޅޭ ގޮތުން އިތުރަށް އުމަރު ވިދާޅުވީ، އެގޮތަށް ސީޔާސީ އެތައް ބަޔަކު އެއްވެގެން މަޝްވަރާ ކުރައްވަމުން ގެންދަވާއިރު، އެމީހުންގެ ތެރޭގައި އަބްދުﷲ ރިޔާޒާއި ކާނަލް ނާޒިމް ހިމެނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ އެއްގޮތަކަށް ވެސް އެދެބޭފުޅުން ސިޔާސީ ޕާޓީއެއް ހައްދަވަނީ ނޫން ކަމަށް އުމަތު ވިދާޅުވިއެވެ.
ހުސްއަންގަތަޅާގޮލައެއްތި
އަވަސް....ލަސްވެއްޖެ.
ސާބަހޭ އަވަސް ކުރޭ؟؟؟؟
ސާބަހޭ އުމަރު މިހާރު ވެސްް ލަސްވަނީ...އަޅުގަނޑުމެން ތައްޔާރު...