ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ނުކުރައްވާ ކަމަށާއި އެއީ މުޅިން ދޮގު ހަަބަރެއް ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ރިޔާޒް މިފަދައިން ވިދާޅުވީ، އޮންލައިން ނޫހަކުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ރިޔާޒް ގުޅިވަޑައިގެން އުފައްދަވަން އުޅުއްވި ސިޔާސީ ފާޓީއަށް ތާއިދު ނުލިބި ފެއިލް ވެއްޖެކަމަށް އެފަރާތުން ލިޔުނު ހަބަރަކާ ގުޅިގެންނެވެ. އެ ހަބަރުގައި ބުނާ ސިޔާސީ ޕާޓީ އުފެއްދުމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ޕްރޮފެސަރު ހަސަން އުގައިލާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އަދި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ހިމެނޭކަމަށް ލިޔެފައިވެއެވެ. ހަމައެއާއެކު އެ ޕާޓީ އުފެއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބ. ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ އިތުރުން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމާއި، އަދި އިތުރު މެންބަރުންގެ ތާއީދުވެސް ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އެ ނޫހުން ބުނެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ރިޔާޒް ވިދާޅުވީ، އެ ހަބަރު ޝާއިއު ކޮށްފައިވާ ފަރާތުން ޖަހާފައިވާ ހަަބަރަކީ މުޅިން ދޮގު ހަބަރެއް ކަމަށެވެ. ނޫސްވެރިކަން ކުރާ ފަރާތްތަކުން ނޫޙެއްގައި ހަބަރެއް ޖަހާއިރު އެ ހަބަރު ރައްދުވާ މީހުންގެ ބަސް ޖަހާލަންވާނެ ކަމަށާއި ނޫސްވެރިކަމަކީ ހަބަރު ރައްދުވާ ފަރާތުގެ ބަސް ހޯދައިގެން ލިޔާ އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ނޫހުން ހަބަރު ހެދާފައިވާއިރު އެކަމާ ގުޅިގެން އެއްވެސް ސުވާލެއް ނުކުރާ ކަމަށާއި އެ ނޫހުން ހިތަށް އެރި ގޮތަކަށް ހަބަރު ލިޔެފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދަވަނީ ވަރަށް ސާބިތުކަމާއެކީގައި ކަމަށާއި، އަދި މިހާ ހިސާޞަށް އައިރުވެސް ސިޔާސީ މައިދާނުގައި މަސައްކަތް ކުރައްވފައި ހުންނަވާނީ ރައްޔިތުން ކައިރިއަށް ވަޑައިގެން ރައްޔިތުންގެ ތާއިދާއެކުގައި ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ދެވަނަ ދައުރަކަށް ރިޔާޒް ހޮވިވަޑައިގެންފައި ވަނީ ވަރަށް "ޗެލެންޖިންގް" ކެމްފޭނެއް ކުރައްވައިގެން ރައްޔިތުންގެ ފުރިހަމަ ތާއިދު ލިބިގެން ކަމަށް ރިޔާޒް ވިދާޅުވިއެވެ. ޕާޓީއެއް ހައްދަވަން ވިސްނަވާކަމަށްވާ ނަމަ ރައްޔިތުން ކައިރިއަށް ދާނެކަމަށާއި އަދި ޕާޓީއެއް ހައްދަވަން ނިންމަވާފައި ނުވާކަމަށް ރިޔާޒް ވިދާޅުވިއެވެ.
މި ކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޑރ. ޖަމީލު ވިދާޅުވީ، "ސިޔާސީ ފިލޯސަފީ" އެއްވެސް ހާލެއްގައި ސިއްރުސިއްރުން ނުގެންގުޅުއްވާ ކަމަށެވެ. އޭނާއަކީ އަބަދުވެސް ކުރާކަމެއް ވަރަށް ފާޅުގައި ކުރައްވާ ބޭފުޅެއް ކަމަށް ޖަމީލު ވިދާޅުވިއެވެ. އަބްދުﷲ ރިޔާޒާއި ކާނަލް ނާޒިމާ އެކު އެއްވެސް ސިޔާސީކަމެއްގައި ގުޅިވަޑައިގެން ކަމެއް ނުކުރައްވާ ކަމަށާއި އެކަން ސާފުކޮށް ރައްޔިތުންނަށްވެސް އެނގޭނެ ކަމަށް ޖަމީލު ވިދާޅުވިއެވެ.
އެހެންކަމުން އޮންލައިން ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރުގައި ރިޔާޒްއާއި ނާޒިމާ އެކުސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތުގައި ޑރ. ޖަމީލު ބައިވެރިވެވަޑައިގަންނަވާ ކަމަށް އޮތް ހަބަރަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާއި، އެއީ ވަރަށް ޒިންމާދާރު ކުޑަކޮށް ކޮށްފައިވާ ކަމެއް ކަމަށް ޖަމީލު ވިދާޅުވިއެވެ.