"ނޮވެލް ކޮރޯނާ ވައިރަސް"ގެ ނުރައްކަލުން ރައްކާތެރިވުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅުއްވައި، މި ބައްޔާއި ގުޅޭ ހުރިހާ ކަމެއް އެންމެ ގާތުން ބެއްލެވުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިރުޝާދު ދެއްވާފައެވެ.

ކޮރޯނާ ވައިރަހުގެ ނުރައްކަލުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކާ ބެހޭގޮތުން ރައީސް ސޯލިހް ވަނީ ވަޒީރުންގެ މަޖިލީހާއި ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރައްވާފައެވެ.

މިއަދު ވަޒީރުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، މިބަލީގެ ހަބަރު ސަރުކާރަށް ލިބިވަޑައިގެންނެވި ހިސާބުން ފެށިގެން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަން ފެއްޓެވި ކަމަށެވެ. އެގޮތުން، އެންމެ ފުރަތަމަ އެކުލަވާލެއްވީ ކަމާގުޅޭ ހާއްސަ ޓާސްކްފޯހެއް ކަމަށާއި، އެ ޓާސްކްފޯހުގެ މަސައްކަތްތައް ކަމާބެހޭ ދާއިރާތައް ގުޅިގެން ކުރިއަށް ދަނީ، ދުރާލާ އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅަމުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވަނީ މި ބަލިން ރައްކާތެރިވުމުގެ ގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތާއި، މި ބައްޔަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތުގައި އަމަލު ކުރާނެ ގޮތްތަކާއި ބެހޭ މައުލޫމާތު ސާފު ކުރައްވާފައެވެ. އަދި މި ބަލީގެ އަސަރު އެންމެ ބޮޑަށް ފެނިފައިވާ ޗައިނާގެ ވޫހާން ޕްރޮވިންސުގައި މިވަގުތު ދިރިއުޅެމުންދާ ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމާބެހޭ އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ.

ޗައިނާގެ އެކި ސަރަޙައްދުތަކުގައި ހަލުވިކަމާއެކު "ނޮވެލް ކޮރޯނާ ވައިރަސް" ފެތުރެން ފެށުމާ ގުޅިގެން، މި ބަލިން ރައްކާތެރިވުމުގެ ގޮތުން ކަމާއިބެހޭ އިދާރާތަކުން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި "ތާމަލް ކެމެރާ" ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުން މެދުވެރިކޮށް ރާއްޖެއަށް އެތެރެވާ ހުރިހާ ފަސިންޖަރުން ސްކްރީންކުރުން ހިމެނެއެވެ. އަދި މި ބައްޔަށް ޝައްކު ކުރެވޭ އަދި ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތަކަށް ރައްކާތެރިކަމާއެކު ފަރުވާދެވޭނެ އިންތިޒާމްތައް ހަމަޖެއްސުން ވެސް ހިމެނެއެވެ.