އިންޑިޔާގެ 71 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ހަފްލާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފިއެވެ.

މި ހަފްލާ ބާއްވާފައި ވަނީ ދަރުބާރުގޭގައެވެ މި ހަފްލާ ކުރިއަށް ގެންގޮސްފައި ވަނީ ދެގައުމުގެ މުއްސަނދި ސަގާފަތް ދައްކުވައިދޭ އެކިއެކި ބައިތައް ހިމަނައިގެންނެވެ.

މި ހަފްލާގައި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު، ސަންޖޭ ސުދީރު ބައިވެރިވެ ވަޑައިގެންފައިވެއެވެ. މއަދި އިންޑިޔާގެ ކުރެހުންތެރިއެއް ކަމަށްވާ ހެމަނަންތް ކުމާރް ކުރަހާފައިވާ ރައީސް ސޯލިހްގެ ތަސްވީރެއް، އެމަނިކުފާނަށް ވެދުމަށް އަރުވާފައިވެއެވެ.

މި ހަފްލާގައި 2018 ވަނަ އަހަރުން ފެށިގެން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހިވަމުން އައިސްފައިވާ ގޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައިވެއެވެ. އަދި އިންޑިޔާގެ އިތުރުން ރާއްޖޭގެ ބައެއް ފަންނާނުން މި ހަފްލާގައި މިއުޒިކީ ހުށައެޅުންތައް ވެސް ހުށައަޅާފައިވެއެވެ.

އިންޑިއާގެ 71 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކޮށްފި / ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަނީ 26 ޖަނަވަރީ 1950 ވަނަ އަހަރު އިންޑިއާ އިން އަލަށް އެކުލަވާލި އެގައުމުގެ ގާނޫނުއަސާސީ ވުޖޫދުވެ އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުން މިނިވަންވެ މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ޖުމްހޫރީ ވެރިކަމެއް ގާއިމުވެގެން ދިޔަ ތާރީހީ މުނާސަބަތާ ގުޅުވައިގެންނެވެ.