މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި، މިހާރު މާފުށީގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ އަސާސީ ހައްގުތަކުން މަހުރޫމުކޮށްފައި ކަމަށް މީޑިއާގައި ދެކެވެމުން އަންނަ ވާހަކަތަށް ހޯމް މިނިސްޓްރީން ދޮގުކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ފަސް އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ގެ ހާލަތާ ގުޅޭގޮތުން ހަގީގަތް އޮޅޭގޮތަށް މީޑިއާގައި ވާހަކަ ފަތުރަމުން ދާ ކަމަށެވެ.
ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ގައިދީންނަށް ކަށަވަރުކޮށްދޭން ޖެހޭ އަސާސީ އަދި އިންސާނީ ހައްގުތަކާއި ފޯރުކޮށްދޭންޖެހޭ އިނާޔަތްތަށް ތަފާތުކުރުމެއް ނެތި ފުރިހަމައަށް ޔާމީނަށްވެސް ފޯރުކޮށްދެމުން ދާކަމަށެވެ.
އަދި މީޑިއާގައި ފެތުރެމުންދާ އެއްވެސް ކަމެއްގެ ޝަކުވާއެއް މިހާތަނަށް ރައީސް ޔާމީންގެ ފަރާތުންނާއި އެމަނިކުފާނުގެ ވަކީލެއްގެ ފަރާތުން ނުވަތަ އާއިލާގެ ފަރާތުންވެސް އުފުލާފައި ނުވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަދި 30 ޑިސެމްބަރު 2019 ވަނަ ދުވަހު ހޯމް މިނިސްޓަރުގެ އިރުޝާދުގެ ދަށުން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް މާފުށީ ޖަލަށް ވަޑައިގެން ރައީސް ޔާމީންއާ ބައްދަލުކުރައްވައި އެމަނިކުފާނުގެ ހާލު ބައްލަވާ، ކަންބޮޑުވުންތަކާ ޝަކުވާތައް އޮޅުންފިލުވާފައި ވާނެ ކަމަށް އެ މިނިސްޓރީން ބުނެއެވެ.
ނަމަވެސް އެ ބައްދަލުވުމުގައިވެސް މީޑިއާގައި ދައުރުވަމުންދާ ފަދަ އެއްވެސް ކަމެއް ފާހަގަކޮށްފައި ނުވާކަމަށް ވެސް ހޯމް މިނިސްޓްރީން ބުނެއެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ޖަލުގެ ހާލަތު ރަނގަޅުކޮށް ގައިދީންނާއި ބަންދު މީހުންގެ ހައްގުތައް ކަށަވަރުކޮށްދީ އެކިއެކި ކުށްކުށުގައި ޖަލުގައި ބަންދުކުރެވޭ މީހުން އިސްލާހުކޮށް ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައުއަށް ނެރުން ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
ރޭ އިދިކޮޅު ކޯލިޝަނުން ހއ. ބާރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރައީސް ޔާމީން މިހާރު ހުންނެވީ ވަރަށް ހާލުގައި ކަމަށާއި، ބައެއް އަސާސީ ހައްގުތަކުން އެމަނިކުފާނު މަހްރޫމްކޮށް ނުހައްގުން އަނިޔާ ދެމުން ދާ ކަމަށެވެ.
މިކަމާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނީ ރައީސް ޔާމީން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ސަރުކާރުން، ކުރީގެ ދެ ރައީސުން ކަމުގައިވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދުވެސް ބަންދުކޮށްފައި ބެހެއްޓި ޔުނިޓު އިތުރަށް ފެންވަރު ރަނގަޅުކުރުމަށްފަހު އެތަނުގައި ކަމަށެވެ.