މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)ގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލަށް މަރުގެ އިންޒާރު ދިން މައްސަލާގައި ފުވައްމުލަކު ޒުވާނެއް ކަމަށްވާ ރަވާއުގެ މައްޗަށް ދައުވާ އުފުލާ ޝަރީއަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ރަވާއުގެ މައްޗަށް އުފުލާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ބޭނުންކުރުން މަނާ ކުރުމުގެ ޤާނޫނުގެ ދަށުންނެވެ. ބިރުދެއްކުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައިވާއިރު، މި މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް ތާވަލުކޮށްފައި ވަނީ އަންނަ ހޯމަ ދުވަހުގެ 10:45 އަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގައި ކަމަށް 'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވެއެވެ.

އޭނާގެ މައްޗަށް މި ދައުވާ އުފުލާފައި ވަނީ އޭނާ ކުރި ޓްވީޓެއްގެ ސަބަބުންނެވެ. އޭނާ މި ޓްވީޓު ކޮށްފައި ވަނީ އެމްޑީއެން އިން އިސްލާމް ދީނާއި ރަސޫލާއަށް ތައުހީނުކޮށް ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގެ މައްސަލަ ހޫނުވެފައި ވަނިކޮށެވެ. އެގޮތުން، ރަވާއުގެ ޓްވީޓުގައި އޭނާ ވަނީ ޝަހިންދާ މަރާލަން ވެސް ފަސްނުޖެހޭނެ ކަމަށް ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ރަވާއު ވަނީ މިދިޔަ އޮކްޓޯބަރު މަހު 26 ވަނަ ދުވަހު ހައްޔަރުވެސް ކޮށްފައެވެ. ނަމަވެސް ކޯޓުން 5 ދުވަހުގެ މުއްދަތެއް ޖެހުމަށްފަހު، އެ މުއްދަތު ހަމަވުމުން އޭނާ ވަނީ ދޫކޮށްލާފައެވެ. އަދި އޭނާގެ މައްޗަށް ބިރުދެއްކުމުގެ ދައުވާ އުފުލާފައި ވަނީ މި މަހު 16 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.