މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން އުފެދި، ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރެމުންދާ ނުރައްކާތެރި 2019-އެންކޯވް ވައިރަހަށް ޕޮޒިޓިވް ވެފައިވާ 3 މީހަކު މެލޭޝިއާއިން ފެނިފައިވާކަން، އެގައުމުގެ ސިއްހަތާ ބެހޭ ވަޒީރު، ޒުލްކިފްލީ އަހުމަދު، މިއަދު ހެނދުނު ކަށަވަރުކޮށްދެއްވައިފިއެވެ.

މިއީ ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި 2019-އެންކޯވް ވައިރަހުގެ އަސަރު އެގައުމުން ފެނިފައިވާކަން މެލޭޝިއާއިން ކަށަވަރުކޮށްދިން ފުރަތަމަ ފަހަރެވެ.

2019-އެންކޯވް ވައިރަހަށް މެލޭޝިއާއިން ޕޮޒިޓިވް 3 މީހުންނަކީވެސް ޗައިނާ ރައްޔިތުން ކަމަށާ، އެއީ ހަމަ މި ވައިރަހުގެ އަސަރުކޮށްގެން ސިންގަޕޫރުގައި ފަރުވާ ދެމުންދާ އުމުރުން 66 އަހަރުގެ ޗައިނާ މީހާގެ ކާފަ ދަރިންނާ އެމީހާގެ އަންހެނުން ކަމަށް ޚަބަރު ލިބެއެވެ. މި ފިރިހެން މީހާ ނިސްބަތްވަނީ، 2019-އެންކޯވް ވައިރަސް އެންމެ ފުރަތަމަ އުފެދުނު، ޗައިނާގެ ވޫހާން ސިޓީއަށް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މެލޭޝިއާގެ ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވީ 2019-އެންކޯވްއަށް ޕޮޒިޓިވް 3 މީހުންނަށްވެސް މިހާރު ފަރުވާ ދެމުންދަނީ ސެލަންގޯރުގެ ސުންގާއީ ބުލޯ ހުސްޕިޓަލުގައި ކަމަށެވެ.

ޗައިނާގެ އިތުރުން މި ވައިރަހުގެ އަސަރު ފެނިފައިވާ ގައުމުތަކުގެ ތެރޭގައި ޖަޕާނު، ތައިލޭންޑް، ޓައިވާން، ވިއެޓްނާމް، ދެކުނު ކޮރެޔާ، ސިންގަޕޫރު، އެމެރިކާ އަދި ފަރަންސޭސިވިލާތް ހިމެނެއެވެ. މީގެ އިތުރުން އިނގިރޭސިވިލާތާ ކެނެޑާއިންވެސް މި ވައިރަހަށް ޝައްކު ކުރެވޭ ކޭސްތަކެއް ފެނިފައިވާކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

ެެއެއާޕޯޓެއްގައި ފަސެންޖަރެއް ތާމަލް ސްކްރީން ކުރަނީ/ފޮޓޯ: ބްލޫމްބާގްކުއިންޓް

މިއީ ބައިނަލްއަގުވާމީ ކާރިސާގެ ހާލަތަށް ގޮސްފައިވާ ރޯގާއެއް ކަން ކަނޑައެޅުމަށް އަދިވެސް އިތުރު މައުލޫމާތު ބޭނުންވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވާއިރު ބައިނަލްއަގުވާމީ ފެންވަރުގައި އޮޕަރޭޓްކުރާ ގިނަ އެއާޕޯޓްތަކެއް މިހާރުވަނީ އެލާޓަށް ގެނެސް، ފަސެންޖަރުން ސްކްރީން ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އަދި އެގައުމުތަކުން ބަލި ފެންނަމުންދާ ވަރަކަށް ނުވަތަ ޝައްކު ކުރެވޭ ކޭސްތައް ފެންނަމުންދާ ވަރަކަށް އެކަން އާންމުކޮށް އަންގާ އިއުލާންވެސް ކުރެއެވެ.

ސާސް އާއިލާއިން އުފެދުނު އާ ރޯގާ 2019-އެންކޯވް އަށް ސްކްރީން ކުރުމުގެ ގޮތުން ވައިގެ ބަނދަރުތަކުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ/ފޮޓޯ: ހެޑްޓޮޕިކްސް

މި ދުވަސްވަރަކީ ޗައިނާގައި ފާހަގަކުރާ އެގައުމުގެ އާ އަހަރުގެ ފެށުމުގެ ދުވަސްވަރު ކަމަށްވާއިރު، މި މުނާސަބާއާ ގުޅިގެން ދުނިޔޭގެ އެކި މަންޒިލްތަކަށް ޗައިނާގެ ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުވާ ދުވަސްވަރެކެވެ. އެހެންކަމުން، ހަލުވިކަމާއެކު ބަލި ފެތުރުމުގެ ނުރައްކާވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ދިވެހިރާއްޖެއަކީވެސް ޗައިނާ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. ނަމަވެސް ރާއްޖެއަށް މިހާތަނަށް ޒިޔާރަތްކުރި އެއްވެސް ފަތުރުވެރިއެއްގެ ފަރާތުން މިފަދަ ޝައްކެއް ވެފައިވާކަމަށް، ކަމާބެހޭ ރަސްމީ އެއްވެސް ފަރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.