ދެ އަހަރު ނުފުރޭ އަންހެން ކުއްޖާއަށް ޖިންސީ އަނިޔާކުރި، އެކުއްޖާގެ ކާފަގެ ދިފާއުގައި ވާހަކަ ދެއްކި ދެއްކި މަދީހާ އަބްދުﷲ އަށް އެމްޑީޕީގެ ޓިކެޓް ނުދޭން ނިންމައިފިއެވެ.

މަދީހާގެ ކެންޑިޑަސީ ބާތިލް ކުރުމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވާކަން އެޕާޓީން ވަނީ ކަށަވަރު ކޮށްދީފައެވެ.

އެ ކޮމިޓީން އެ މައްސަލަ ބެލީ، މަދީހާގެ ވެސް އާއިލާ އަށް ނިސްބަތްވާ ކުއްޖާ އަށް ކުރި އަނިޔާ ދިފާއުކޮށް ދެއްކި ވާހަކަތަކަކާ ގުޅިގެން އޭނާ އަށް ފާޑުކިއުން އަމާޒުވުމުންނެވެ.

މަދީހާގެ ކެންޑިޑަސީ ބާތިލުކުރަން އެ ކޮމިޓީން ނިންމާފައި މިވަނީ، ދާދި ފަހުން ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަކުއްޖަކު ރޭޕްކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި އެ ކުއްޖާގެ ކާފަގެ ދިފާއުގައި މަދީހާ ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ. އެ ކުއްޖާގެ ކާފަ ކަމުގައިވާ އެ ރަށު މިސްކިތު މުދިމު އިބްރާހިމް ދީދީއަކީ މަދީހާގެ ބޭބެ އެކެވެ.

ކުޑަ ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލައިގައި ސަން އޮންލައިނާ ވާހަކަ ދައްކަމުން، މަދީހާ ބުނެފައިވަނީ ކާފަ ކުޑަކުއްޖާއަށް ޖިންސީ އަނިޔާކުރި ކަމަށް ބުނާ ވާހަކަތައް ފެތުރީ ކުއްޖާގެ މަންމަ ފަރާތު އާއިލާއިން ކަމަށާއި އެ މައްސަލަ ހޫނުކުރީ އެ އާއިލާ އާއި މީޑިއާއިން ކަމަށެވެ. އަދި އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އެ އާއިލާއިން މައުލޫމާތު ފެތުރި މީހަކަށް ޓެރަރިޒަމްގެ ދައުވާ ކުރަންޖެހޭކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ ތިން ފިރިހެނުން ވެގެން ކުޑަކުއްޖާ ރޭޕްކުރި ނަމަ އެކުއްޖާ އެހާ "ހެޕީކޮށް" ދުވެ ނޫޅޭނެ ކަމަށެވެ.

"އެކުއްޖާ ދުނިޔޭގައި އޮންނާނެހޭ އެވަރު ކުރި ނަމަ. މިހާރު ފަރުވާ ދިނުމަށްފަހު މާލެއިންވެސް ވަނީ ދޫކޮށްލާފައި. އެވަރުވީ ނަމަ ކުއްޖާ ދޫކޮށްލާނެތޯ،" މަދީހާ ބުންޏެވެ. "އެކުއްޖާ ދުނިޔޭގައި އޮންނާނެތޯ އެވަރު ކުރި ނަމަ،" މަދީހާ ބުނެފައިވެއެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރާކަމުގެ ރެކޯޑު މީގެ ކުރިންވެސް އޮތް، އެ ކުއްޖާގެ މުނިކާފަވެސް ދިފާއުކޮށް މަދީހާ ވާހަކަދެއްކިއެވެ.

2 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތުގައި އެކުއްޖާގެ ކާފަ އަދި މުނިކާފަ ވަނީ ހައްޔަރުކޮށްފައެވެ. އިހުމާލުގެ މައްސަލައެއްގައި އެކުއްޖާގެ ބައްޕަވެސް ހައްޔަރު ކުރިއެވެ. މި ހާދިސާވެސް ހިގާފައިވަނީ ދެކުނުގެ ރަށެއްގައެެވެ. އަދި މި މައްސަލައިގައި ހައްޔަރު ކުރި އުމުރުން 81 އަހަރު، މުނި ކާފަ އަކީ ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ރެކޯޑު މުއައްސަސާތަކުގައި އޮތް މީކެވެ.