ޖަލު އޮޑިޓް ރިޕޯޓްގެ ކަންކަމާ ގުޅިގެން ކުރީގެ ކޮމިޝަނާ އޮފް ޕްރިސަންސް އަބްދުﷲ މުނާޒުގެ ގިނަ ތުހުމަތުތަކެއް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އަށް ކުރައްވައިފިއެވެ.

މުނާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލުގެ އޮޑިޓް ރިޕޯޓްގައިވާ ހުރިހާ ކަމަކީ ކުރެވޭނެ ކަންކަމެއް ނޫން ކަމަށް ވިދާޅުވެފައި ވުމުގެ އިތުރުން، މިނިސްޓަރު އިމްރާން އެކަންކަން ބެއްލެވުމަށް އެކުލަވާލެއްވި ކޮމެޓީވެސް މިދިޔަ އަހަރު ބައްދަލު ކުރީ އެންމެ ދެ ފަހަރު ކަމަށް އޭނާ ވިދާޅުވެއެވެ.

މުނާޒު ދައްކަވާފައި ހުރި ވާހަކަތަކުން ގިނަ ސުވާލުތަކެއް އުފެދިފައި ވާއިރު އޭނާ ވަނީ ޖަލު އޮޑިޓް ރިޕޯޓްގައިވާ ކަންކަން ހާސިލް ކުރަން ބަޖެޓް ދެއްވިންތޯ ވެސް ސުވާލު ކުރައްވާފައެވެ.

މުނާޒް، އިމްރާނަށް ތުހުމަތުތަކެއް ކުރައްވާފައި ވާއިރު، އޭނާ މަގާމުން ވަކި ކުރުމާއި ގުޅިގެން ސަރުކާރާއި ކޯލިޝަނަށްވެސް ވަނީ ތުހުމަތުތަކެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އޭނާ ކަރެކްޝަންސްގައި ހުއްޓާ ޖަލު ހިލުވާލަން ކޯލިޝަނުގެ ތެރެއިން އަދި ބޭރުން ކުޅުނު ކުޅިގަނޑު ކާމިޔާބު ނުވުމުން ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރުމަކީ އޭނާއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

މުނާޒް މަގާމުން ވަކިކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ މަގާމަށް މުނާޒުގެ ބަދަލުގައި ހަމަޖައްސާފައި ވަނީ، އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސަސްގެ މަގާމުގައި ހުންނެވި، އަހުމަދު މުހައްމަދު ފުޅެވެ.

ޕްރިޒަންސް ކޮމިޝަނަރުގެ މަގާމުން މުނާޒް ވަކިކޮށްފައި ވަނީ، ދާދިފަހުން ޖަލުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން މުނާޒަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށެވެ. އަދި ޖަލުގައި ހިނގާ ބައެއް ކަންތައްތައް މުނާޒް ފޮރުވަން އުޅޭ ކަމަށާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާފައިވާ ކަމުގެ ތުހުމަތުތައް ވެސް އޭނާއަށް ވަނީ ކޮށްފައެވެ.