އޮސްޓްރޭލިޔާގައި ރޯވެފައިވާ އަލިފާންގަނޑުތައް ކޮންޓްރޯލް ކުރުމަށް އެގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކޮންޓްރެކްޓް އުސޫލުން އޮސްޓްރޭލިޔާގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ ފަޔާފައިޓަރުން ތިބި އެއާ ޓޭންކަރެއް ވެއްޓި، އެއިން ދަތުރުކުރި 3 މީހުން މަރުވެއްޖެއެވެ.

ސީ-130 ހާކިއުލީސް މަރުކާގެ މި ބޯޓާ އޮފިޝަލުންނާ ގުޅުން ކެނޑުނީ އޮސްޓްރޭލިއާ ގަޑިން މެންދުރުން އަނބުރާ 13:30 ހާއިރުއެވެ. އެއީ ބޯޓު އުދުއްސާލިތާ މާ ގިނައިރުތަކެއް ނުވަނީސް ކަމަށްވެސް ޚަބަރު ލިބެއެވެ.

ނިއު ސައުތް ވޭލްސްގެ ސްނޯވީ މައުންޓަންސް ސަރަހައްދަށް މި އެއާ ޓޭންކަރު ވެއްޓެން މެދުވެރިވި ސަބަބެއް އަދި ސާފުވާ ގޮތެއް ނުވެއެވެ. ނަމަވެސް މި ހާދިސާގައި ބޯޓު ވެއްޓިފައިވަނީ ރޯވެފައިވާ އަލިފާންގަނޑެއްގެ ތެރެއަށް ކަމަށް މައުލޫމާތު ލިބެއެވެ. އަދި ބޯޓު ވެއްޓި ޖެހުމާއެކު ބޮޑު ހުޅުގަނޑެއް ފަޅައިގެން ދިޔަ ކަމަށްވެސް އޮފިޝަލުން ވަނީ މައުލޫމާތު ދެއްވާފައެވެ.

ކެނެޑާގެ ކުންފުންޏަކުން އޮޕަރޭޓްކުރި މި ބޯޓު ވެއްޓުނު ހާދިސާގައި މަރުވި 3 މީހުންނަކީވެސް އެމެރިކާގެ ރައްޔިތުންކަން ކަށަވަރުވި ނަމަވެސް، އެއީ ކޮން ބައެއްކަން އަދި ސާފުވާގޮތެއް ނުވެއެވެ.

ހާދިސާ އިތުރަށް ތަހުގީގުކޮށް ނިމެންދެން، އަލިފާން ނިއްވުމުގެ މަސައްކަތުގައި އެއާ ޓޭންކަރު ބޭނުން ކުރުންވަނީ ވަގުތީ ގޮތުން މަނާކޮށްފައެވެ.

2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އޮސްޓްރޭލިއާގެ އެކި ހިސާބުތަކުގައި ރޯވަމުންދާ ވަރުގަދަ އަލިފާންގަނޑުތަކުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު މިވަނީ 33 އަށް އަރާފައެވެ. އަލިފާނުގެ ހާދިސާތަކާ ގުޅިގެން 2000 އަށްވުރެ ގިނަ ގެ ހަލާކުވެފައިވާއިރު، 10 މިލިއަން ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިޔަށްވެފައެވެ.