އަންހެން ކުދިން ހިތާނަ ކުރުމަކީ ޖިންސީ ގޯނާއެއް ކަމަށާއި އެފަދަ ކަންކަމަށް ހިތްވަރު ދޭނަމަ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިގޮތަށް ވިދާޅުވެފައި ވަނީ އެޗްޕީއޭގެ އެދުމުގެ މަތިން އަންހެންކުދިން ހިތާނުކުރުމާ ގުޅޭގޮތުން ފިގުހު އެކަޑަމީގެ ލަފަޔަކަށް އިސްލާމިކް މިނިސްޓްރީން އެދިފައި ވަނިކޮށެވެ. އެޗްޕީއޭގެ ސިޓީ ބާތިލްކޮށް އެކަމުގައި ލަފާ ހޯދުން ހުއްޓާލުމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ އަންގަވައިފައެވެ.
ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެން ކުދިން ހިތާނުކުރުމާ ގުޅޭ ފަތުވާއެއް ބޭނުން ނުވާ ކަމަށެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު މިހާރު ވަނީ ފާސްކޮށް ތަސްދީގު ކުރެވިފައިވާ ކަމަށެވެ.
އަންހެން ކުދިން ހިތާނުކުރުމާއި ދެކޮޅަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންވެސް ވަނީ ޓްވީޓް ކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ އަންހެން ކުދިން ހިތާނު ކުރުމަކީ އސްލާން ދީނުގެ ނަމުގައި އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަންކަމެއް ނޫން ކަމަށެވެ. އަދި އެކަމަކީ އަންހެން ކުދިންނަށް ދެވޭ އަނިޔާއެއް ކަމަށެވެ.
އެޗްޕީއޭއިން އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީ ބާތިލް ކުރުމަށްއެދި ހެލްތް މިނިސްޓްރީން އަންގާފައިވާކަން ހާމަކޮށް ބުނެފައިވަނީ އަންހެނުން ހިތާން ކުރުމަކީ ސަރުކާރުގެ ސިޔާސަތެއްނޫން ކަމަށާއި އެއީ ހިތްވަރުދޭ ކަމެއްވެސް ނޫން ކަމަށެވެ.