ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތައް އިތުރުވީ ޒަމާނުއްސުރެ އެފަދަ ކަންކަމާ ދޭތެރޭ އަޅާ ނުލައި އޮތުމުގެ ސަބަބުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމާއި ގުޅިގެން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އެކަމަށް ރައްދު ދެއްވައިފިއެވެ.

ކ. ގުރައިދޫއަށް ވަޑައިގެން އެރަށު ގާއިމް ކޮށްފައިވާ އެމްޑީޕީގެ ހަރުގެ ހުޅުވައިދެއްވައި ރޭ ރައީސް ވިދާޅުވީ ކަނޑުހުޅުދޫގައި ހިނގާދިޔަ ހާދިސާއަކީ ވަރަށްވެސް ހިތާމަވެރި ހާދިސާއެއް ކަމަށާއި މިކަންކަން މިހާ ހިސާބަށް އައީ ކީއްވެގެންކަން އޮޅިފައި ނެތް ކަމަށެވެ.

"އަޅުގަނޑުމެން މިދިޔަ ހަފްތާގައި މި އެހީ ކުޑަކުއްޖަކަށް ޖިސްމާނީ އަދި އެތައް އެތައް ގެއްލުންތަކެއް ލިބިގެންދިޔަ ވާހަކަ، ކީއްވެގެންކަން އަޅުގަނޑުމެން އެއްވެސް މީހަކަށް އޮޅިފައެއް ނެތް، މިއީ ޒަމާނުއްސުރެ މިކަމާ ދޭތެރޭ އަޅާނުލެވި އޮތުމުގެ ސަބަބުން ދިމާވި ކަމެއް، އެހެން ނަމަވެސް މިއަދު އެވާހަކަ ދައްކަން ތިބެވޭކަށްނެތް، މިއަދު މިޖެހެނީ ވަގުތުން ވަގުތަށް އެކަމާ ދޭތެރޭގައި ފިޔަވަޅު އަޅަން" ރައީސް ވިދާޅުވިއެވެ.

އެކަމަށް ރައްދު ދެއްވައި ސައީދު ވިދާޅުވީ ރައްޔިތުން ރައީސަކާއި ސަރުކާރެއް ހޮވަނީ، ރައީސް މީހާ ކަންކަމުން ރެކި، ލިބޭ ކޮންމެ މޮޅަކީ ރައީސްގެ މޮޅަކަށް ހަދާކަށް ނޫން ކަމަށެވެ. އަދި ގައުމަށް ދިމާވާ ކޮންމެ ހިތާމައަކާއި މުސީބާތަކީ އެހެން ބައެއްގެ ޒިންމާއެއް ކަމަށް ދައްކަން ނޫން ކަމަށެވެ.

ރައީސް ވަނީ ކުޑަކުދިންގެ ރައްކާތެރި ކަމަށްޓަކައި މަސައްކަތް ކުރުމަށް ހަވާލުވެތިބި ދައުލަތުގެ އެއްވެސް މުވައްޒިފަކު އެއިން ކަމަކަށް އިހުމާލުވެއްޖެނަމަ، އެކަމާ ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޒިންމާދާރު ކުރުވުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް ފަސްނުޖެހި ކުރާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވިދާޅުވީ މުޖުތަމައުގައި ބޮޑެތި އެހެން މައްސަލަތައްވެސް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ހަރުކަށި ފިކުރުގެ މައްސަލައާ ޑްރަގްގެ މައްސަލަ އަދި ކޮރަޕްޝަންގެ މައްސަލަތައް ހިމެނޭ ކަމަށެވެ. މިއީ އެއް ފަހަރާ އެކުއެކީގައި ކުރިމަތިލާން ޖެހިފައިވާ މައްސަލަތަކެއް ކަމަށެވެ. މިކަންކަން ކުރެވޭނީ ޒިންމާދާރު ކަމާއެކު މަސައްކަތް ކުރެވޭނެ ބަޔަކު ހޯދިގެން ކަމަށް ރައީސް ވިދާޅުވިއެވެ.