ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތައް އިތުރުވީ ޒަމާނުއްސުރެ އެފަދަ ކަންކަމާ ދޭތެރޭ އަޅާ ނުލައި އޮތުމުގެ ސަބަބުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކ. ގުރައިދޫއަށް ވަޑައިގެން އެރަށު ގާއިމް ކޮށްފައިވާ އެމްޑީޕީގެ ހަރުގެ ހުޅުވައިދެއްވައި ރައީސް ވިދާޅުވީ މިއަދު ބޭނުން ވަނީ ޒިންމާދާރު ކަމާއެކު މަސައްކަތް ކުރުން ކަމަށާއި އެގޮތަށް މަސައްކަތްކުރާއިރު މުޖުތަމައުގައި ހުރި މައްސަލަތަކާއި ދޭތެރޭގައި ވިސްނާ ފިކުރު ކުރަންޖެހޭ ކަމަށެވެ. އަދި މިކަންކަމަަށް ހައްލު ގެނެވޭނީ ޒިންމާދާރު ކަމާއެކު މަސައްކަތް ކުރާނެ ބަޔަކު ލިބިގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަނޑުހުޅުދޫގައި ހިނގާދިޔަ ހާދިސާއަކީ ވަރަށް ބޮޑުވާ ހިތާމަވެރި ހާދިސާއެއް ކަމަށާ މިކަންކަން މިހާ ހިސާބަށް އައީ ކީއްވެގެންކަން އޮޅިފައި ނެތް ކަމަށެވެ.

"އަޅުގަނޑުމެން މިދިޔަ ހަފްތާގައި މި އެހީ ކުޑަކުއްޖަކަށް ޖިސްމާނީ އަދި އެތައް އެތައް ގެއްލުންތަކެއް ލިބިގެންދިޔަ ވާހަކަ، ކީއްވެގެންކަން އަޅުގަނޑުމެން އެއްވެސް މީހަކަށް އޮޅިފައެއް ނެތް. މިއީ ޒަމާނުއްސުރެ މިކަމާ ދޭތެރޭ އަޅާނުލެވި އޮތުމުގެ ސަބަބުން ދިމާވި ކަމެއް، އެހެން ނަމަވެސް މިއަދު އެވާހަކަ ދައްކަން ތިބެވޭކަށްނެތް، މިއަދު މިޖެހެނީ ވަގުތުން ވަގުތަށް އެކަމާ ދޭތެރޭގައި ފިޔަވަޅު އަޅަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުޑަކުދިންގެ ރައްކާތެރި ކަމަށްޓަކައި މަސައްކަތް ކުރުމަށް ހަވާލުވެތިބި ދައުލަތުގެ އެއްވެސް މުވައްޒިފަކު އެއިން ކަމަކަށް އިހުމާލުވެއްޖެނަމަ، އެކަމާ ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ޒިންމާދާރު ކުރުވުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް ފަސްނުޖެހި ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މުޖުތަމައުގައި ބޮޑެތި އެހެން މައްސަލަތައްވެސް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ހަރުކަށި ފިކުރުގެ މައްސަލައާ ޑްރަގްގެ މައްސަލަ އަދި ކޮރަޕްޝަންގެ މައްސަލަތައް ހިމެނޭ ކަމަށެވެ. މިއީ އެއް ފަހަރާ އެކުއެކީގައި ކުރިމަތިލާން ޖެހިފައިވާ މައްސަލަތަކެއް ކަމަށެވެ. މިކަންކަން ކުރެވޭނީ ޒިންމާދާރު ކަމާއެކު މަސައްކަތް ކުރެވޭނެ ބަޔަކު ހޯދިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީ އިރާދަކުރެއްވިއްޔާ އެމްޑީޕީން މިއަދު ކުރަމުންދާ މަސައްކަތަކީ، އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކޮށް މިދެނީ އަނެއްކާވެސް ޔަގީންކޮށް މިއަރުވަނީ އަޅުގަނޑުމެންގެ މިދައުރުގެ ތެރޭގައި މިކަންތައްތަކަށް އިރާދަކުރެއްވިއްޔާ ހައްލު ގެނެސްދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށްރަށާއި ސިޓީތަކުގެ ތަރައްގީއަށްޓަކައި ކަންތައްތަކެއް ކުރުމަށް ވައުދުވެފައިވާނެ ކަމަށާއި ވަކި ރަށެއް ތަފާތު ނުކޮށް ހިދުމަތްތައް ދޭން ވައުދުވެފައިވާނެ ކަމަށެވެ. މިކަންތައްތައް އެންމެ ރަނގަޅަށް ކުރެވޭނީ ގާނޫނީ ގޮތުންނާއި މާލީ ގޮތުން ކައުންސިލްތަކަށް އެބާރުތައް ދޫކޮށްލެވިގެން ކަމަށެވެ.

"އަޅުގަނޑުމެން މިއަދު މި ހޯދަނީ މިކަން ކުރާނެ ބަޔަކު، މިކަން ކުރެވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ މިކަން ދަންނަ ބަޔަކަށް، ހަމަގައިމުންވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ ތިއްބެވީ އަޅުގަނޑުގެ މި ނިޒާމް ގަބޫލު ކުރައްވާ ބޭފުޅުން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މި ރާއްޖޭގެ ތަރައްގީއަށްޓަކައި އެމްޑީޕީއަށް މެޖޯރިޓީ ލިބުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށެވެ. އަދި އެމްޑީޕީއަށް ވޯޓް ދެއްވުމަށް އެދޭ ކަމަށާއި އެކަމަކީ ރައްޔިތުންނަށް ގެއްލުންވާނެ ކަމެއް ނޫން ކަމަށާއި އެކަމުން ލިބިގެންދާނީ ފައިދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.