ހުޅުދޫ އާއި މީދުއަށް ރަށު ކައުންސިލެއް ބޭނުންވާ ކަމަށްބުނެ، ރަށު ކައުންސިލެއް އިންތިހާބު ކުރަން ގޮވާލައި މިހާރު ސޮއިކުރަމުން އަންނަ ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ލޯކަލް ގަވަމަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށާއި އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި މަރަދޫ ފޭދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ހުށަހަޅައިފިއެވެ.

މި ޕެޓިޝަންގެ މަސައްކަތަށް ހުޅުދޫ އަދި މީދޫގެ އިންތިޒާމް ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. އެކޮމެޓީގައި ހިމެނިވަޑައިގަންނަވާ އަހުމަދު ޝަރީފު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ރޫހާއި އެއްގޮތަށް ވީހާވެސް ގާތުން ހިދުމަތް ލިބިގަތުމަށް ހުޅުދޫ އާއި މީދޫގެ ގިނަ ރައްޔިތުން އެދޭ ކަމަށެވެ. އެގޮތުން އެކަމާގުޅޭ ޕެޓިޝަން މިއަދު މަޖިލީހުގެ ރައީސާއި އެލްޖީއޭ އާއި އީސީގެ ރައީސް އަހުމަދު ޝަރީފުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ހުޅުދު އާއި މީދޫ ތަމްސީލުކުރައްވާ މެމްބަރުންނަށް ފޮނުވާފައިވާ ކަމަށެވެ.

މި ޕެޓިޝަން އިއްޔެ ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް ފޮނުއްވާއިފައެވެ.

އެ ޕެޓިޝަނުގައި ބުނެފައި ވަނީ ހުޅުދޫ އާއި މީދޫ ރައްޔިތުން ބޭނުންވަނީ ދެ ރަށުގައި ރަށު ކައުންސިލެއް އުފައްދައި، އެ ކައުންސިލްތަކަށް ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ވެސް ގާނޫނީ ގޮތުން ލިބިދޭ އެންމެހައި ބާރުތަކާއި އިހްތިޔާރުތަކާއި ހައްގުތައް ލިބުން ކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައިވެސް އެރަށު ކައުންސިލް ހޮވަން ނޫންގޮތަކަށް އެރަށުގެ ރައްޔިތުން ވޯޓު ލާން ބޭނުން ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ސިޓީގެ މީދޫ އަދި މަރަދޫ ފޭދޫ ދާއިރާ ތަމްސީލް ކުރައްވަނީ މެންބަރު ރޮޒެއިނާ އާދަމް އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާ ތަމްސީލް ކުރައްވާ ފަރާތަކީ މެންބަރު އިލްޔާސް ލަބީބެވެ.

އެ ޕެޓިޝަނުގައި ބުނެފައިވަނީ އެއަތޮޅު ސިޓީއަކަށް ބަދަލުވިޔަސް އެ ސިޓީގެ އިދާރީ ހުރިހާ ކަމެއް ހިންގަމުން އަންނަނީ ކުރިންވެސް އަތޮޅު ވެރިކަން ކުރި ހިތަދޫގައި ކަމަށެވެ. އައްޑޫ ސިޓީއަކަށް ވީމައި ރަށްރަށުގެ ހައިސިއްޔަތު ގެއްލި ރަށްރަށް ބަދަލުވީ އަވަށް ތަކުގެ ތެރޭގައި ހުޅުދޫ އަދި މީދޫ ހިމެނޭ ކަމަށެވެ.

"ސިޓީއަކަށް އައްޑު އަތޮޅު ބަދަލުވުމުން ހުޅުދޫ އާއި މީދޫ، ރަށު އޮފީހުން ކުރިން ލިބެމުން އައި ގިނަ ހިދުމަތްތައް ހިދަތޫގައި މަރުކަޒުވި، މި ނިޒާމްގެ ތެރެއިން ހުޅުދޫ އާއި މީދޫގެ ރައްޔިތުންނަށް ލިބެން ޖެހޭ މާލީ މަންފާތަކާއި އިދާރީ ހިދުމަތްތަކުން އެ ދެ ރަށުގެ ރައްޔިތުން މަހުރޫމްވެސްވި، ގާތުން ލިބެންޖެހޭ ގިނަ ހިދުމަތްތައް ހޯދުމަށް ކަނޑު ހުރަސްކޮށް، ފޭދޫއަށް ގޮސް އެއްގަމު މަގުން ހިތަދޫއަށް ދާންޖެހޭ، ނަމަވެސް ލާމަރުކަޒުކުރުމުގެ ރޫހަކީ ރައްޔިތުންނާއި ވީހަވެސް ގާތުން ހިދުމަތް ދިނުން،" ޕެޓިޝަނުގައިވެއެވެ.

ސިޓީއަކީ މުޅި އަތޮޅުގައި ފަތުރާ 'ސާލަކަށް' ނުވާކަން ތަޖުރިބާ އާއި ގާނޫނުން ސާފުވާން ކަމަށާއި ލާމަރުކަޒު ކުރުމުގެ ރޫހާއި އެއްގޮތައް ހުޅުދޫ އާއި މީދުގެ ރައްޔިތުންނަށް އެމީހުންނާ ގާތުން ހިދުމަތް ދެވޭނެ ގޮތަކީ ހަމައެކަނި އެއީ ކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ. އަދި އިދާރީ ހިންގުމާއި ދެރަށުގެ މަސްލަހަތާއި ގުޅޭ އެންމެހައި ކަންކަމުގެ އިހްތިޔާރާއި ބާރު ރައްޔިތުންނަށް ލިބެން އޮތް ގޮތަކީވެސް އެއީކަމަށް ޕެޓިޝަނުގައި ވެއެވެ.