ފުލުހުންގެ މުއައްސަސާ ހިންގަނީ ސިޔާސީ ވެރިން ރުއްސަން، އެމީހުން ރުހޭ ގޮތަށް ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ފާޑުކިއުން ފުލުހުންނަށް އަމާޒުވެއްޖެއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔަމީންގެ އިތުރު މައްސަލައެއް ތަހުގީގު ކުރަން އުޅޭ ކަމުގެ ތުހުމަތު ކުރައްވައެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމީނާ ދެކޮޅަށް ހެކިންގެ ގޮތުގައި އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގެ ކުށް ސާބިތުވެފައިވާ ޒިޔަތާއި އަދީބު، ހަތިޔާރަކަށް ބޭނުން ކޮށްގެން ފުލުހުން މަސައްކަތް ކުރަނީ ސިޔާސީ ވެރިން ރުއްސުމަށް ކަމަށެވެ.

ޖަމީލު ވިދާޅުވީ ކުރިން ވެސް ރައީސް ޔާމީނަށް ހުކުމް ކޮށްފައި ވަނީ ޒިޔަތާއި އަދީބު ހަތިޔާރަކަށް ބޭނުން ކޮށްގެން ކަމަށެވެ. އަދި މަނީ ލޯންޑަރިންގެ މައްސަލަ ހިނގަ ހިނގާ އޮއްވާ ރައީސް ޔާމީން ފުލުހަށް ގެންގޮސްފައި ވާއިރު، ރައީސް ޔާމީން ވަނީ އެ މައްސަލައިގެ ތަހުގީގަށް ވެސް އެއްބާރުލުން ދެއްވައި، ޖަވާބުދާރީވެ ވަޑައިގެންފައި ކަމަށް ޖަމީލު ވިދާޅުވިއެވެ. ޝަރީއަތުގައި މަނީ ލޯންޑަރިންގެ މައްސަލަ ހިނގަ ހިނގާ އޮއްވާ ރައީސް ޔާމީން ފުލުހަށް ގެންދިޔައީ، އެއްގޮތުން ނުވެއްޖެއްޔާ، އަނެއްގޮތުން ވެސް ކޮންމެވެސް މައްސަލައެއްގެ ތެރޭގައި ރައީސް ޔާމީން ގެންގުޅެން ވެގެން ކަމަށް ޑރ. ޖަމީލު ވަނީ ތުހުމަތު ކުރައްވާފައެވެ.

ފުލުހުންގެ އިދާރާގެ ތެރޭގައި ރައްޔިތުން ކަންބޮޑުވާ އެތައް ކަމެއް އެބަ ހުރި ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ފުލުހުންގެ މުއައްސަސާ ވެސް މި ފެންނަނީ ކޮންމެވެސް ސިޔާސީ ފަރާތެއް ރުއްސުމަށް މަސައްކަތް ކުރާތަން ކަމަށެވެ. އެކަމަށް މިސާލު ޖައްސަވަމުން ޖަމީލު ވިދާޅުވީ، އެ މުއައްސަސާ ޖަވާބުދާރީ ކުރުވަން މަސައްކަތް ކޮށްފާނެތީ ނުވަތަ، ވެރިކަން ކުރާ ޕާޓީ ހިތްހަމަ ނުޖެހިދާނެތީ، އެބަޔަކު ރުހޭ ކަހަލަ މައްސަލަތަކެއް ނަގައިގެން ފެންމަތިކުރަން އުޅޭކަން ފާހަގަ ވެފައިވާ ކަމަށެވެ. އަދި މިހާރު ރައީސް ޔާމީންގެ މައްސަލައެއް ފެންމަތި ކުރުވުމުން ވެރިކަން ކުރާ ޕާޓީއާއި އެޕާޓީއަށް ތާއިދު ކުރާ މީހުންގެ ލޯބި ލިބޭނޭތީ އެކަން ކުރަން އުޅޭ ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާގައި ރައްޔިތުން ކަންބޮޑުވާ ކަންކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އެބަހުރި ކަމަށާއި، އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށް، ރޭޕް ކުރާ މައްސަލައަކީ ފާހަގަ ކޮށްލެވޭ މައްސަލައެއް ކަމަށް ޖަމީލު ވިދާޅުވިއެވެ. އަދި އެ މައްސަލަތަކުގައި ފުލުހުން މިހާތަނަށް ދައްކާފައިވާ ވާހަކަތަކަކީ، ބަހަނާއެއްކަން މި ގައުމުގެ އެންމެން ވެސް ގަބޫލުކުރާ ކަމަށް ޖަމީލު ވިދާޅުވިއެވެ.

އެގޮތުން ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި، އަދި ގޯނާ ކުރުމުގެ ރެކޯޑް އޮތް އެ ކުއްޖާގެ ކާފަ ދޫކޮށްލާފައި ހުރީ، އުމުރުން ދުވަސްވީތީ، އުމުރަށް ބަލާފަ ކަމަށް ބުނުމަކީ ބަހަނާއެއް ކަމަށް ޖަމީލު ވިދާޅުވިއެވެ. ޖަމީލު ވިދާޅުވީ، ގާނޫނީ ގޮތުން ބަލާނަމަ މީހެއްގެ ހުރި ނުރައްކަލެއްގެ މައްޗަށް ބަލާފައި އެމީހަކު ހިފަހައްޓަން ޖެހޭ ކަމަށާއި، އެކަމުގައި އަދަބު ދިނުމަށް ގާނޫނުގައި ވަކި އުމުރެއް ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ފުލުހުންގެ އިހުމާލު އޮތް ކަމެއް ކަމަށް ޖަމީލު ވިދާޅުވިއެވެ.

މީގެ އިތުރުން ޖަމީލު ވިދާޅުވީ، މިދިޔަ ޑިސެމްބަރުމަހު އަނިޔާވެރިކޮށް މަރާލި ޓެކްސީ ޑްރައިވަރު ގާސިމްގެ މައްސަލައިގެ ތަހުގީގު މުއްދަތު ހަމަވެގެން ދިޔައިރުވެސް ފުރިހަމަ ނުކުރެވޭ ކަމަށެވެ. އަދި މިކަމުން ވެސް ހާމަ ވެގެންދަނީ ރައްޔިތުން ފުލުހުންގެ މުއައްސަސާއާ މެދު އުއްމީދުތަކެއް ކުރާއިރު، އެ މިންވަރަށް ފުލުހުންނަށް ޕާފޯމް ނުކުރެވޭ ކަން ކަމަށް ޖަމީލު ވިދާޅުވިއެވެ.