ޖުޑިޝަރީ އަށް އެމްޑީޕީގެ ނުފޫޒު އޮތްތޯ ޝައްކުގެ ނަޒަރަކުން ބަލަންޖެހޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ނުފޫޒު ކޯޓުުތަކަށް އޮތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޑރ. ޖަމީލު ވިދާޅުވީ، އެމްޑީޕީގެ ނުފޫޒު ކޯޓުުތަކަށް އޮތްތޯ ބަލަން ޖެހޭ އެއް ސަބަބަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބެއިލް ދިނުމުގައި ވަކި އުސޫލެއް ނެތް ކަމަށް ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު، އިމްތިޔާޒް ފަހުމީ ވިދާޅުވެފައި އޮތުން ކަމަށެވެ.

ޑރ. ޖަމީލު ވިދާޅުވީ މިހާރު ރާއްޖޭގައި ކަނޑައެޅިފައިވާ ނިޒާމަށް ބަލާކަމަށް ވާނަމަ، ޖުޑިޝަރީގެ ކޮންޓްރޯލް އޮތީ ޖޭއެސްސީގައި ކަމަށެވެ. އަދި ކޯޓުތައް އޮތީ ސިޔާސީ ބާރުވެރިކަމުގެ ދަށުގައި ކަމަށް ތުހުމަތު ކުރައްވާ، ޖަމީލު ވިދާޅުވީ، ކަން މިހެން އޮށްވާ ރައީސް ޔާމީނަށް ބެއިލް ދިނުމުގައި އުސޫލެއް ނެތް ކަމަށް ޖުޑިޝަރީ ކޮމިޓީގެ ވެރިޔާ ވިދާޅުވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. ޖަމީލު ވިދާޅުވީ، އިމްތިޔާޒް މިހެން ވިދާޅުވާ ވިދާޅުވުމުގެ ނުރަނގަޅު ނުފޫޒު ޖުޑިޝަރީގެ މައްޗަށް ފޯރައިގެން ދާނެ ކަމަށެވެ.

ރައީސް ޔާމީން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ މަނީ ލޯންޑަރިންގެ މައްސަލާއިގެ އިސްތިއުނާފުގެ އަޑުއެހުން އަންނަ އަންގާރަ ދުވަހު ސިވިލް ކޯޓުގައި އޮތް އިރު، ދަށު ކޯޓުން ކުރި ހުކުމުގައި ވަރަށް ބޮޑަށް ގަނޫނީގޮތުން ނުރަނގަޅު ކަންތައްތައް ހުރި ކަމަށް ޖަމީލު ވިދާޅުވިއެވެ. އޭގެ ތެރެއިން ބެއިލް ނުލިބުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، ޝަރީއަތުގެ ކުރިމައްޗަށް އައިމައި ވަކި މީހަކަށް ވީތީ ވަކިގޮތެއް ހެދުމަށް އަދުލު އިންސާފޭ ނުކިޔާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޖަމީލު ވިދާޅުވީ ބެއިލް ލިބުމަކީ އެންމެނަށް ލިބެން ޖެހޭ ހައްގެއް ކަމަށާއި، ބެއިލް އަކީ ޑިމޮކްރެޓިކް ހުރިހާ މުޖުތަމައުގައި ބަލައިގެންފައިވާ އަދި ރާއްޖޭގެ ގާނޫނުއަސާސީއާ ކޯޓުތަކުގައި ވެސް އޮންނަ އެއްޗެއް ކަމަށެވެ.

ޖަމީލު މިހެން ވިދާޅުވެފައި ވާއިރު، ހުކުމެއް ތަންފީޒު ކުރަމުންދާ ބޭފުޅަކު ކަފާލާތުގެ ދަށުން ދޫކޮށްލުމަކީ ރާއްޖޭގެ ނިޒާމުގެ ތެރޭގައި އޮންނަ ކަމެއް ނޫން ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު(އިންތި) ފަހުމީ ވަނީ ވިދާޅުވެފައެވެ. އިންތި ވަނީ ކޯޓުން ހުކުމެއް އިއްވާފައިވާ ފަރާތަކަށް މިހާތަނަށް ރާއްޖޭގައި ބެއިލް ދީފައިވޭތޯ ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ ހުކުމަށް ފަހު ކަފާލާތުގެ ދަށުން ދޫކޮށްލުމަކީ ރާއްޖޭގެ އަދުލުގެ ނިޒާމުގެ ތެރެއިން ކަނޑައެޅިފައިވާ ކަމެއް ނޫން ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް މިދިޔަ ނޮވެމްބަރު މަހު 28 ވަނަ ދުވަހު ހުކުމް ކުރުމަށް ފަހު އެމަނިކުފާނު މާފުށީ ޖަލުގެ ހާއްސަ ޔުނިޓެއްގައި ބަންދުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހެވެ.

މަނީ ލޯންޑްރިންގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލީ؛ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ރައީސް ޔާމީން އަމިލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައެވެ. އަދި އެ ފައިސާގެ އަސްލު އޮޅުވާލެއްވުމުގެ ތުހުމަތުވެސް ވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައެވެ.