މިނިމަމް ވޭޖު ކަނޑައެޅުމުގެ ސަބަބުން އިގްތިސޯދަށް ކުރާނެ އަސަރުތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައި ވަނީ، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާމެދު ކެބިނެޓާއި، ރައީސް އޮފީހުގެ އިސްވެރިންނާއި، ކަމާބެހޭ އިދާރާތަކުގެ އިސް ފަރާތްތަކުންނެވެ. މި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ކެބިނެޓް ވޯކިން ސެޝަނެއްގައެވެ.

މިއަދުގެ ބައްދަލުވުމުގެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ އެންމެ އެކަށޭނަ، އަދި ފުރިހަމަ ގޮތެއްގައި "މިނިމަމް ވޭޖް" ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، އެންމެ ކުޑަ އުޖޫރަ އެކަށައެޅުމުން އެކިއެކި ދާއިރާތަކަށް އޭގެ ސަބަބުން ކުރާނެ އަސަރާއި އަންނާނެ ކަމަށް އަންދާޒާކުރެވޭ ބަދަލުތައް ހިމެނެއެވެ.

އެގޮތުން، ދައުލަތުގެ ބަޖެޓާއި، އިންފްލޭޝަން ނުވަތަ މުދަލާއި ހިދުމަތްތަކުގެ އަގަށް އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލާއި، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ އާއި، ބޭރު ފައިސާގެ ރިޒާވްއާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ސަރުކާރު ހިއްސާވާ އަދި އަމިއްލަ ކުންފުނިތަކާއި، ޖުމްލަ ގޮތެއްގައި އިގްތިސޯދަށް ކުރާނެ އަސަރު ތަކާމެދު މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފަރާތުން ވަނީ ހާއްސަ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ. މި ޕްރެޒެންޓޭޝަންތައް ބިނާކޮށްފައި ވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާމެދު އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ) އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ މުސާރައާއި އުޖޫރައާއި ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކޮށްފައިވާ ދިރާސާ ރިޕޯޓުތަކުގައި ހިމެނޭ މައުލޫމާތު ތަކުގެ މައްޗަށެވެ.

މުސާރައާއި އުޖޫރައާއި ގުޅޭގޮތުން ލަފާދޭ ބޯޑަކީ، އެކިއެކި ވިޔަފާރި ކުރާ ތަންތަނުގައާއި، އެނޫން ވެސް މަސައްކަތްކުރާ ތަންތަނުގައި މުވައްޒަފުން މަސައްކަތް ކުރަމުންދާ ގޮތް ބަލައި ދެނެގަތުމަށާއި، އެ ތަންތަނުގައި މަސައްކަތް ކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އަދަދާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރަށް ލަފާދިނުމަށް މިދިޔަ މޭ 1 ވަނަ ދުވަހު އެކުލަވާލި ބޯޑެކެވެ.