ކޯލިޝަނާއި ބަޔަކު ގުޅިގެން ޖަލު ހިލުވާލަން އުޅުނުކަމުގެ ތުހުމަތު ކުރީގެ ކޮމިޝަނާ އޮފް ޕްރިސަންސް އަބްދުﷲ މުނާޒު ކުރައްވައިފިއެވެ.

މުނާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ މަގާމުން ވަކިކުރީ، އޭނާ ކަރެކްޝަންސްގައި ހުއްޓާ ޖަލު ހިލުވާލަން ކޯލިޝަނުގެ ތެރެއިން އަދި ބޭރުން ކުޅުނު ކުޅިގަނޑު ކާމިޔާބު ނުވުމުން ކަމަށެވެ.

މުނާޒް ވިދާޅުވީ، އޭނާ ވަޒީފާއިން ވަކިކުރުމަކީ އޭނާއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

އޭނާ މިހެން ވިދާޅުވެފައިވާއިރު، މިއަދު ރައީސް އޮފީހުން ވަނީ އޭނާ މަގާމުން ވަކިކުރި ކަމުގެ ލިޔުން އޭނާއަށް ފޮނުވާފައެވެ.

މުނާޒް މަގާމުން ވަކިކޮށް، އެ މަގާމަށް މުނާޒުގެ ބަދަލުގައި ހަމަޖައްސާފައި ވަނީ، އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސަސްގެ މަގާމުގައި ހުންނެވި، އަހުމަދު މުހައްމަދު ފުޅެވެ. މި ބަދަލު ގެނެސްފައިވާ ކަން ރައީސް އޮފީހުން ވަނީ 'ދަ ޕްރެސް' އަށް ކަށަވަރުކޮށްދީފައެވެ.

ޕްރިޒަންސް ކޮމިޝަނަރުގެ މަގާމުން މުނާޒް ވަކިކޮށްފައި މިވަނީ، ދާދިފަހުން ޖަލުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން މުނާޒަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށެވެ. އަދި، ޖަލުގައި ހިނގާ ބައެއް ކަންތައްތައް މުނާޒް ފޮރުވަން އުޅޭ ކަމަށާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާފައިވާ ކަމުގެ ތުހުމަތުތައް ވެސް މުނާޒަށް ވަނީ ކޮށްފައެވެ.