މިޔަންމާގެ ރާހީން ސްޓޭޓްގައި ދިރިއުޅެމުންދިޔަ ބައިމަދު، ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމެއް ހިންގާފައިވާ ނުވާ ކަމަށް، މިޔަންމާ ސަރުކާރުން ކަނޑައެޅި ޕެނަލުން އެކުލަވާލި ރިޕޯޓެއް ބުނެފިއެވެ.

2017 ވަނަ އަހަރު މިޔަންމާގައި ހިނގާދިޔަ ކަންކަމަކީ ހަތިޔާރާ ބޭނުންކޮށްގެން ހިންގި ކުރިމަތިލުމެއް ކަމަށާ، އެކަމުގެ ޒިންމާ އުފުލަންޖެހޭ ބަޔަކީ ރޯހިންޏާ ހަނގުރާމަވެރިން ކަމަށްވެސް ޕެނަލްގެރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އެހެނީ ހަމަނުޖެހުން ހިންގަންޖެހުނީ، ފުލުހުން 30 ޕޯސްޓަކަށް ރޯހިންޏާ ހަނގުރާމަވެރިން ހަމަލާ ދިނުމުން ކަމަށް އެ ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ.

ކަންމިހެން އޮތްއިރު އަސްކަރިއްޔާގެ ބައެއް މެމްބަރުން ހަނގުރާމަ ޖަރީމާ ހިންގާފައިވާކަމަށާ، އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހިންގާފައިވާކަމަށް ބާރުދޭ ހެލިވެސް ލިބިފައިވާ ކަމަށްވެސް ރިޕޯޓް ބުނެއެވެ. ނަމަވެސް އެ އަމަލުތަކަކީ ރާހީން ސްޓޭޓްގައި ދިރިއުޅެމުންދިޔަ މުސްލިމުން މަރާލުމަށް ނުވަތަ ވަޒަނުން ބޭރުކޮށްލުމުގެ ގަސްތުގައި ހިންގި އަމަލުތަކެއްކަން ސާބިތުކުރާނެ ވަރަށް ހެކި ލިބިފައި ނެތް ކަމަށްވެސް އެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ކަންމިހެން އޮތްއިރު ގަތުލުއާންމު ހިންގި ގައުމަކާ ދެކޮޅަށް ކުއްލި ހާލަތުގައި އަޅާ ފިޔަވަޅުތައް، މިޔަންމާއާ ދެކޮޅަށް އެޅުމަށް، ބައިނަލްއަގުވާމީ އަދުލު އިންސާފާ ބެހޭ ކޯޓުން މިހަފުތާ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް ޚަބަރު ލިބެއެވެ.