މަރުކަޒީ ސަރުކާރު ނުވަތަ މާލެ އަށް ޖަމާކޮށްފައި އޮތް ބާރުތައް އަތޮޅުތަކަށް ދޫކޮށްލަން ލާމަރުކަޒީ ގާނޫނަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި އާބާދީ 3،000 އަށް ވުރެން މަތި ނަމަ ފަސް ކައުންސިލަރުން އަދި އެއަށް ވުރެން މަތީގެ އާބާދީތަކަށް ހަތް ކައުންސިލަރުން ހޮވާނެއެވެ. އަންނަ އޭޕްރީލް މަހުގެ ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ނިންމާފައެވެ. މިކަން މިގޮތަށް އޮއްވާ ސަރުކާރުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ބޮޑު ކަމެއް އިއުލާންވެސް ކުރައްވާފައެވެ. އެއީ ކައުންސިލަރުންގެ މުސާރަ ބޮޑު ކުރައްވާނެ ވާހަކައެވެ.

ބަޔަކު މިކަމާ ކިތަންމެހާވެސް އުފަލުން އަތްޖަހާފާނެއެވެ. އެކަމަކު އިގްތިސޯދީ ނަޒަރަކުން މިކަމާ ވިސްނާލާ އިރު މިއީ ދައުލަތަށް ކިހާ ވަރެއްގެ ގެއްލުމެއް ނުވަތަ ފައިދާއެއް ލިބިދާނެ ކަމެއްތޯ ބަލާލަން ޖެހެއެވެ.

މިހާތަނަށް ރާއްޖޭގައި ފާސް ނުކުރާ ވަރުގެ ބިޔަ ބޮޑު ބަޖެޓެއް ފާސްކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ. 2020ވަނަ އަހަރަށް 37 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ފާސްކުރަން މަޖިލީހަށް ހުށަހެޅިއިރު ވެސް މިފަދަ އެއްވެސް ވާހަކައެއް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހާމައެއް ނުކުރައްވައެވެ. އެހެނެއް ނޫނެވެ. ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ދިނުމަށް ނިންމި ބާރާއި ބަޖެޓުގެ ފަސް ޕަސެންޓު ކައުންސިލްތަކަށް ދިނުމަށް ނިންމާފައިވާ ކަމާއި އެއާއެކު ކައުންސިލްތަކަށް އެ ފައިސާ ލިބިގެންދާނެ ގޮތް ވަރަށް ސާފުކޮށް ވިދާޅުވެދެއްވިއެވެ.

ފިނޭންސް މިނިސްޓަރު މަޖިލިސް ޖަލްސާގައި: ފޮޓޯ/ މަޖިލިސް

ދައުލަތުގެ ބަޖެޓުން މިއަހަރު ކައުންސިލްތަކަށް 1.6 ބިލިއަން ރުފިޔާ ދިނުމަށް ނިންމިއެވެ. ބަޖެޓުގައި ބަޔާންކޮށްފައިވާ ގޮތުން، މިއަހަރުން ފެށިގެން ކައުންސިލްތަކަށް ބަޖެޓް ދެމުން ދިޔަ އުސޫލު، 'ބްލޮކް ގްރާންޓް' އުސޫލުން ފައިސާ ދޫކުރާ ގޮތަށް ބަދަލުކުރަން ވަނީ ނިންމާފައެވެ. ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ ވިދާޅުވީ، މިއީ ކައުންސިލްތައް މާލީ ގޮތުން ލާމަރުކަޒު ކުރުމަށް ވިސްނައިގެން އެކުލާވާލާފައިވާ ސިޔާސަތެއް ކަމަށެވެ.

"އަޅުގަނޑުމެން ނިންމާފައި މިވަނީ ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓާއި، ބިމު ކުލީގެ 40 ޕަސެންޓާއި އެ ރަށެއްގެ އިހްތިސާސްގައިވާ ހުރިހާ ތަނަކުން ލިބޭ ކުއްޔާއި އިތުރު ފީތަކުގެ 100 ޕަސެންޓް އެ ކައުންސިލަކަށް ދިނުމަށް." ޝައުނާ ވިދާޅުވިއެވެ.

ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓުގެ ޖުމްލަ ބަހަން ނިންމާފައިވާ ގޮތް:

• ރަށު ކައުންސިލްތަކަށް ހަތް ޕަސެންޓް

• އަތޮޅު ކައުންސިލްތަކަށް 51 ޕަސެންޓް

• ސިޓީ ކައުންސިލްތަކަށް 51 ޕަސެންޓް

މި ހުރިހާ ކަމެއް މިއީ ބަޖެޓުގައި ހިމަނާ ޕްލޭންތަކެއް ކުރެވިގެން އައި ކަމެކެވެ. އެހެންނަމަވެސް ކުއްލިއަކަށް ކައުންސިލަރުންގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އިރު ސަރުކާރުގެ ޕްލޭނަކީ ކޮބައިތޯއެވެ. މިކަން ކުރުމަށް ސަރުކާރުން ވިސްނީ އެއްވެސް ޕްލޭނެއް ނެތި ހަމަ އެކަނި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމުގެ ނަމުގައިތޯއެވެ. ކައުންސިލްތަކުގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރެއްވުމަށް ކްރޮސްރޯޑުގައި 200އަށް ވުރެ ގިނަ ކައުންސިލަރުންނާ އެކުގައި ފެއްޓެވި "ވިއަވަތި ރާއްޖެ" މަހާސިންތާގައި ކައުންސިލަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވާ ރައީސް ނަޝީދު ވިދާޅުވީ ކީކޭތޯއެވެ. ބަފަޔަކު ދަރިއެއްގެ ކަންފަތުގައި ހިފާފައި ލޯބިން ދޭ ނަސޭހަތެއް ފަދައިން ވިދާޅުވީ "ނަމަނަމަ އާ ވަޒީފާތައް ނުއުފައްދާތި" މިހެނެވެ. އެމަނިކުފާނު އެފަދައިން ވިދާޅުވީ ސަބަބެއް ނެތިއެއް ނޫނެވެ. އެމަނިކުފާނު އެފަދައިން ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުންނެވެ.

ވިއަވަތި ރާއްޖެ ކޮންފެރެންސްގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ވަޒީފާތައް އުފައްދައިފިކަމަށް ވާނަމަ މުސާރައާ އިނާޔަތްތަކާއި މި ނޫނަސް އެކިއެކި ކަންކަން ފައިސާގެ ގޮތުގައި ހަރަދުވާނެތީއެވެ. ނަމަވެސް ރައީސް ސޯލިހު ކައުންސިލަރުންގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށް ވިދާޅުވުމުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު "ދެކޮޅު" ނުޖެހޭ ކަމާއި ރައީސް ސޯލިހު އެފަދައިން ވިދާޅުވީ އެންމެ ބޭނުންފުޅެއްގައި ކަމަށް ބަލަން ޖެހެއެވެ.

ކައުންސިލަރުންގެ މުސާރައިގެ ތަފްސީލް:

• މޭޔަރު 40000ރ. އަދި ޑެޕިއުޓީ މޭޔަޔަރަށް 35،000ރ.

• ސިޓީ ކައުންސިލްގެ މެންބަރަކަށް 30،000ރ.

• އަތޮޅު ކައުންސިލްގެ ރައީސަކަށް 28،000ރ.

• ރަށު ކައުންސިލްގެ ރައީސަކަށް 23،000ރ. އަދި ނައިބު ރައީސަށް 15،000ރ.

• ކައުންސިލް މެންބަރަކަށް 12،000ރ.

މި އަދަދުތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލަށް އެކަނި ބަލާލަމާތޯއެވެ. މާލެ ސިޓީގައި 19 ކައުންސިލަރުން ތިބޭނެއެވެ. މޭޔަރާއި ޑެޕިއުޓީ މޭޔަރު ނުލައި 17 ސިޓީ ކައުންސިލް މެންބަރުން ތިބޭނެއެވެ. އެއިން ކޮންމެ މީހެއްގެ މުސާރައާ އެކު މަހެއްގެ މައްޗަށް ހަމައެކަނި މާލެ ސިޓީގެ، ސިޓީ ކައުންސިލަރުންގެ މުސާރައަށް 510،000 ރުފިޔާ އަރައެވެ. އަހަރެއްގެ ތެރޭގައި 6،120،000 ރުފިޔާ އަރައެވެ. ފަސް އަހަރުގެ ދައުރެއް ނިމިގެން ދާއިރު 30،600،00 ރުފިޔާ ހަމައެކަނި މުސާރައިގެ ގޮތުގައި ހަރަދުވެއެވެ. މިއީ ހަމައެކަނި މާލެސިޓީ ކައުންސިލަރުންގެ މުސާރައެވެ.

މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން / ފޮޓޯ: މާލެ ސިޓީ ކައުންސިލް

ސިޓީތަކުގެ ތެރެއިން އައްޑޫ ސިޓީއަށް ބަލާލާއިރު އެ ކައުންސިލަށް 11 ކައުންސިލަރުން އިންތިހާބު ކުރަން ޖެހެއެވެ. މޭޔަރާއި ޑެޕިއުޓީ މޭޔަރު ނުލައި 9 ކައުންސިލަރުން އިންތިހާބު ކުރަން ޖެހެއެވެ. ހަމަ އެކަނި އައްޑޫ ސިޓީގައިވެސް ސިޓީ ކައުންސިލަރުންގެ މުސާރައަށް މަހެއްގެ މައްޗަށް 270،000 ރުފިޔާ އަރައެވެ. އަހަރެއްގެ މައްޗަށް 3،240،000 ރުފިޔާ އަރާއިރު ފަސް އަހަރުގެ ދައުރެއް ނިމޭއިރު ހަމައެކަނި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންނަށް 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރައެވެ. ދެހާސް ވިހިނަވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި މި ދެ ކައުންސިލްގެ ތެރެއިން މާލެސިޓީ ކައުންސިލްގެ ރިކަރަންޓު ހަރަދު ނުވަތަ މުވައްޒަފުންގެ މުސާރައާއި އެހެނިހެން ކަންކަމަށް ކަނޑައަޅާފައިވާ އަދަދަކީ 127،785،355 ރުފިޔާއެވެ. އައްޑޫ ސިޓީ ކައުންސިލަށް ލިބިފައިވަނީ 41،685،105 ރުފިޔާއެވެ.

އައްޑޫސިޓީ ކައުންސިލް-

ފުވައްމުލަކު ސިޓީއަށް ހަތް ކައުންސިލަށް މޭޔަރާއި ޑެޕިއުޓީ މޭޔަރު ނުލާ ފަސް ކައުންސިލަރުން އިންތިހާބު ކުރާނެއެވެ. އެ ފަސް ކައުންސިލަރުންގެ މުސާރައަށް މަހެއްގެ މައްޗަށް 150،000 ރުފިޔާ ހަރަދުވާނެއެވެ. އަހަރެއްގެ މައްޗަށް 1,800,000 ރުފިޔާ ހަރަދުކުރާއިރު 108,000,000‬ ރުފިޔާ ފަސް އަހަރުގެ ދައުރެއްގައި ފުވައްމުލަކު ސިޓީ ކައުންސިލަށް އިންތިހާބު ކުރާނެއެވެ.

މި ތިން ސިޓީ ކައުންސިލްގެ މޭޔަރުންގެ މުސާރައަށް މަހެއްގެ މައްޗަށް 120،000 ރުފިޔާ ހަރަދުވާނެއެވެ. އަހަރެއްގެ ތެރޭގައި ތިން ސިޓީ ކައުންސިލްގެ މޭޔަރުންނަށް 1,440,000‬ ރުފިޔާ ހަރަދުވާނެއެވެ. ފަސް އަހަރުގެ ތެރޭގައި 86,400,000‬ ރުފިޔާ ހަރަދުވާނެއެވެ. ތިން ސިޓީ ކައުންސިލަރުންގެ ޑެޕިއުޓީ މޭޔަރުންގެ މުސާރައަށް މަހެއްގެ މައްޗަށް 90،000 ރުފިޔާ ހަރަދުވާނެއެވެ. އަހަރެއްގެ ތެރޭގައި 1,080,000‬ ރުފިޔާ ހަރަދުވާނެއިރު ފަސް އަހަރުގެ ތެރޭގައި 5,400,000 ރުފިޔާ ހަރަދުވާނެއެވެ.

އައްޑޫސިޓީ ކައުންސިލް-ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި 17 އަތޮޅު ކައުންސިލެއް އޮންނައިރު އެއިން ކޮންމެ އަތޮޅު ކައުންސިލެއްގެ މުސާރައަށް މަހެއްގެ މައްޗަށް 476،000 ރުފިޔާ އަރައެވެ. އެއީ އަހަރެއްގެ މައްޗަށް 5،712،000 ރުފިޔާއެވެ. ކުރިޔަށް އޮތް ފަސް އަހަރަށް ބަލާނަމަ އަތޮޅު ކައުންސިލްގެ ރައީސްގެ މުސާރައަށް އެކަނިވެސް ފަސް އަހަރުގެ ތެރޭގައި 342,720,000‬ ރުފިޔާ ހަރަދުވާނެއެވެ. މީގެއިތުރުން ރާއްޖޭގައި 188 ރަށު ކައުންސިލް އޮންނައިރު މިއިން ކޮންމެ ކައުންސިލެއްގައި ކައުންސިލް ރައީސް އަދި ނާއިބު ރައީސް ތިބެއެވެ. ކޮންމެ ކައުންސިލެއްގައި ތިބޭ ކައުންސިލް ރައީސްގެ މުސާރައަށް ދައުލަތުގެ ބަޖެޓުން މަހެއްގެ މައްޗަށް 4,324,000‬ ރުފިޔާ ހަރަދު ކުރާނެއެވެ. އަހަރެއްގެ މައްޗަށް ކައުންސިލުތަކުގެ ރައީސުންނަށް 51,888,000‬ ރުފިޔާ ހަރަދުކުރާނެއިރު ފަސް އަހަރުގެ ދައުރެއް ނިމިގެންދާއިރު 3,113,280,000‬ ބިލިއަން ރުފިޔާ ހަރަދުކުރާނެއެވެ. ކައުންސިލްތަކުގެ ނާއިބު ރައީސުންނަށް މަހެއްގެ މައްޗަށް ދައުލަތުގެ ބަޖެޓުން 2,256,000‬ ރުފިޔާ ހަރަދުކުރާނެއެވެ. އަހަރެއްގެ މައްޗަށް 27,072,000‬ ރުފިޔާ ހަރަދުކުރާނެއެވެ. ފަސް އަހަރުގެ ދައުރެއް ފުރިހަމަކޮށް ނިމޭއިރު ހަމައެކަނި ކައުންސިލްތަކުގެ ނާއިބު ރައީސުންގެ މުސާރައަށް 1,624,320,000‬ ރުފިޔާ ހަރަދު ކުރާނެއެވެ.

މި ހުރިހާ ކައުންސިލްތަކުގެ މުސާރައަށް މިއަހަރު އެކަނިވެސް 98,352,000‬ ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދު ކުރާނެއެވެ. ދައުލަތުގެ ބަޖެޓުން ހުރިހާ ކައުންސިލްތަކުގެ ރިކަރެންޓު ހަރަދަށް ކަނޑައަޅާފައިވާ އަދަދަކީ 1،615،011،051 ރުފިޔާއެވެ. މި ރިކަރެންޓު ހަރަދުގައި ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ ހަރަދާއި އެހެނިހެން ހަރަދުތައް ކަނޑައަޅާފައި ހުންނާނެއެވެ. މި ރިކަރެންޓު ހަރަދުގައި ބޮޑުކުރި ކައުންސިލަރުންގެ މުސާރައެއް ހިމަނާފައެއް ނުވާނެއެވެ. އަދި މި ބަޖެޓުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރުންނާއި ޑެޕިއުޓީ މޭޔަރުންނާއި ސިޓީ ކައުންސިލްގެ މެންބަރުންގެ މުސާރައެއް ހިމަނާފައެއް ނުވާނެއެވެ. އެހެންކަމުން ރިޕޯޓުގައި އެ ސިޓީ ކައުންސިލްގެ އަދަދުތައް ކަނޑައަޅާފައެއް ނުވާނެއެވެ. އެ އަދަދުތައް ކަނޑައެޅި ނަމަ މިހާރު އިން އަދަދު އިތުރުވެގެންދާނެކަން ފާހަގަކޮށްލަމެވެ.

ކޮންމެއަކަސް މިއީ ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދެވެ. އާއްމު ގޮތެއްގައި ކައުންސިލްތަކުން އެންމެ ބޮޑަށް ކުރާ އެއް ޝަކުވާއަކީ ލިބޭ ބަޖެޓުން މުވައްޒަފުންގެ މުސާރައިގެ ކަންކަން ކޮށް ނިންމާލެވެނީ ކިރިޔާ ކަމަށެވެ. ކައުންސިލުތަކަށް ބާރުތައް ދިނުމަކީ އެ ކައުންސިލްތަކަށް ލިބިފައިވާ ބަޖެޓުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމެއް ނޫނެވެ. ކައުންސިލްތަކުގެ ބަޖެޓުގައި ރިކަރަންޓު ހަރަދުގެ ގޮތުގައި ކަނޑައަޅާފައިވާ މިންވަރަކީ މުސާރައާއި އިނާޔަތްތައް ކަމަށް ވާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބަޖެޓުގައި ނުވެސް ނެތް އަދަދެއް ނެރުއްވީ ކިހިނެއް ކަމާ މެދު ސުވާލު އުފެދެއެވެ. އަދި ފިނޭންސް މިނިސްޓްރީން ނުވަތަ ސަރުކާރުގެ ކަމާ ގުޅުން ހުރި ބޭފުޅަކު ކައުންސިލަރުންގެ މުސާރައަށް ބޮޑު ކުރި ބައި "ނެރޭ ދިމާލެއް" ހާމަ ކޮށްދޭން އެބަޖެހެއެވެ. އިތުރު އެއްވެސް ޕްލޭނެއް ނެތި ހަމައެކަނި އިންތިހާބަށް ދައްކާލި "ދަޅަ" އަކަށް މިކަން ކުރެއްވި ނަމަ އާހިރުގައި މީގެ ހިތި ލިބޭނީވެސް ދިވެހި ރައްޔިތުންނަށެވެ.