ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ތަރައްގީ ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލްގެ މައްސަލާގައި އެއްވެސް ވަރަކަށް ކޮރަޕްޝަން އެކުލެވިގެންވާ ކަމަށްވާނަމަ އެކަން ކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވަން ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޔައުގޫބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް)ގެ ސީޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވްސް އެއާލައިން (ޓީއެމްއޭ)އަށް ވަރަށް އަވަހަށް ހަވާލުކުރާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެތަން ޓީއެމްއޭއަށް ހަވާލުކޮށްފި ކަމަށްވާނަމަ އެކަމެއް ކުރި ބަޔަކު ޖަވާބުދާރީ ކުރުވަން ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށާއި ސީޕްލޭން ޓާމިނަލްގެ މައްސަލަ މާލިއްޔަތު ކޮމެޓީން ބަލާ ފިޔަވަޅު އަޅާނެ ކަމަށް ޔައުގޫބު ވިދާޅުވިއެވެ.
ޔައުގޫބު މިފަދައިން ވިދާޅުވެފައިވާއިރު އާ ސީޕްލޭން ޓާމިނަލްގެ ޖާތައް ކުއްޔަށްދިނުން އެމްއޭސީއެލްއިން ވަނީ މަޑުޖައްސާލާފައެވެ. ބުނެފައި ވަނީ އާ ސީޕްލޭން ޓާމިނަލް އާއި ވީވީއައިޕީ އިމާރާތް ހިންގާ ބަލަހައްޓާނީ އެކުންފުނިން ކަމަށެވެ. ނަމަވެސް އެކި އެކި ސީޕްލޭން އޮޕަރޭޓަރުންގެ އޮޕަރޭޝަން ހިންގާނީ، އޮޕަރޭޝަނަށް ބޭނުންވާ ޖާގަ އެޓާރމިނަލްއިން ކުއްޔަށް ހިފައިގެން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެމްއޭސީއެލް އިން ބުނީ އެ ކުންފުންޏާއި ސީޕްލޭން އޮޕަރޭޓަރުންނާއި ދެމެދު ޓާމިނަލްއިން ޖާގަ ކުއްޔަށް ދިނުމަށް މަޝްވަރާތަކެއް ކުރެވުނު ކަމުގައި ވީނަމަވެސް މިހާތަނަށް އައި އިރު، އެއްވެސް އޮޕަރޭޓަރަކާއެކު އާ ސީޕްލޭން ޓާމިނަލްއިން ޖާގަ ކުއްޔަށް ދިނުމަށް އެއްބަސްވެވިފައެއްނުވާ ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުގެ މަތިން މިވަގުތު އެ މަޝްވަރާތައް މަޑުޖައްސާލާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އެމްއޭސީއެލްއިން ސީޕްލޭން ޓާމިނަލް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބަޔަކާއި ހަވާލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށްބުނެ މީޑިއާއަށް އެކަން އެންމެ ފުރަތަމަ ތިލަކުރެއްވީވެސް ޔައުގޫބެވެ.