ލާމަރުކަޒީ ނިޒާމަކީ ދިވެހި ރައްޔިތުންގެ ޕާޓީގެ ދަރިއެއް ކަމަށާއި އެ ދަރި ހަލާކުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހދ. ކުޅުދުއްފުށީގައި މިރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ވޭތުވެދިޔަ 10 އަހަރު އެޕާޓީން ބަލަމުން އައި ދަރިއެއް ކަމަށެވެ. އެހެންނަމަވެސް ލާމަރުކަޒީ ނިޒާމު ޅަފަތުގައި އޮއްވާ އެ ނިޒާމު ޕީޕީއެމްއިން ވަނީ ހަލާކު ކޮށްލާފައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ލާމަރުކަޒީ ނިޒާމާއި ގާނޫނު އަސާސީގެ ހުރި ރޫހުވެސް ކުރީ ސަރުކާރުން ގެއްލުވާލާފައިވާ ކަމަށެވެ. އެމްޑީޕީން އަލުން އަނބުރާ ރާއްޖޭގެ ވެރިކަމަށް އައީ އެފަދަ ކަންކަމަށް ލިބިގެންދިޔަ ގެއްލުން ފޫ ބެއްދުމަށާއި ރައްޔިތުން އުއްމީދު ކުރާ ރަނގަޅު ގޮތް ހޯދުމަށް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން އަނބުރާ ރާއްޖޭގެ ވެރިކަމަށް އައީ ދިވެހި ރައްޔިތުން އެދިވަޑައިގަންނަވާ ތަނަވަސްކަން ހޯދައިދޭނެ ސިޔާސަތާއި އުސޫލުތަކެއް ދިވެހި ރާއްޖޭގައި ތައާރަފްކޮށްގެން ހިންގަމުން ގެންދިއުމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވާ ގޮތުގައި ގައުމެއް ހަލާކުވެގެންދާނެ ހުރިހާ ސިފަތަކެއް ޕީޕީއެމްގެ ސިޔާސީ ހަރަކާތުގައި ހިމެނިގެންވާ ކަމަށެވެ. އެގޮތުން ޕީޕީއެމްގެ އިސް ބޭފުޅުންގެ ވާހަކަފުޅުންނާއި އިދިކޮޅުން ހިންގާ ކޮންމެ ހަރަކާތަކުން ފެނިގެން ދަނީ ފިތުނަ ފަސާދަ އުފައްދާ މަންޒަރު ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ގައުމެއް ހަލާކުވެގެންދާނެ ހުރިހާ ސިފަތަކެއް އެ ބޭފުޅުންގެ ސިޔާސީ ހަރަކާތްތަކުގައި ދައްކަވަމުން އެގެންދަނީ. އެ ބޭފުޅުންގެ ވާހަކަތަކުން، އެ ބޭފުޅުންގެ ކޮންމެ ހަރަކާތަކުން އަޅުގަނޑުމެންނަށް ފެންނަމުން މިދިޔައީ، މި ބޭފުޅުންނަކީ ހަމައެކަނި ފިތުނަ ފަސާދަ އުފައްދަން ތިއްބަވާ ބޭފުޅުންކަން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ވާދަވެރިންގެ މަސައްކަތަކަށް ފާއިތުވެގެންދިޔަ ދުވަސްތަކުގައި ވެގެން ގޮސްފައިވަނީ އެމްޑީޕީގެ މެމްބަރުންގެ މެދުގައި ފިތުނަ އުފެއްދުމާއި ރުޅިވެރިކަން އުފެއްދުން ކަމަށެވެ. ނަމަވެސް އެމްޑީޕީން ކުރާ މަސައްކަތް ރައްޔިތުންނަށް އޮޅިފައި ނެތް ކަމަށާއި އެގޮތުން ކައުންސިލް އިންތިހާބު ފަސޭހަކަމާއެކު ކާމިޔާބު ކުރާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.